23 މެއި 2019 - 15:33

ހޮޓެލް އިންޑަސްޓްރީގައި މަޝްހޫރު އެކޯ އާއި ރެފަލްސް ގުޅިގެން ރެފަލްސް މޯލްޑިވްސް މެރަދޫ ރިސޯޓް ހުޅުވައިފި އެވެ.

އެ ރިސޯޓުގައި 21 ވިލާއާ އެކު 37 އެނދު ހިމެނެ އެވެ. ގއ. އަތޮޅުގައި ހުޅުވި މި ރިސޯޓަކީ ރާއްޖޭގައި ހުޅުވި އެކޯގެ ހަތަރު ވަނަ ރިސޯޓެވެ. އެހެން ނަމަވެސް މިއީ ރެފަލްސް ބްރޭންޑްގެ ދަށުން ހުޅުވި ފުރަތަމަ ރިސޯޓެވެ.
މި ރިސޯޓުގައި ކޮންމެ ބީޗް ވިލާއެއްގައި ޕްރައިވެޓް ޕޫލްތައް ހުރެ އެވެ. މީގެ އިތުރުން ރެސްޓޯރެންޓާއި ސްޕާއެއްގެ އިތުރުން ފިޓްނެސް ސެންޓަރަކާއި ވޯޓާ ސްޕޯޓްސްތަކަށް ހާއްސަ ކުރެވިފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 55 މިނެޓްގެ ތެރޭގައި ދަތުރުކޮށްލެވޭ މި ރިސޯޓަކީ ޓޫރިސްޓުންނަށް ބޭނުންވާ ޕްރައިވެސީ އެންމެ ފުރިހަމައަށް ލިބޭނެ ރިސޯޓެކެވެ.
ރެފަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އަކީ 1887 ވަނަ އަހަރު އުފެދުނު ކުންފުންޏެވެ. އެ ކުންފުނިން ދުބާއީ އާއި ސީޝެލްސް އާއި ކެމްބޯޑިއާ އާއި ޕެރިހުގައި ވެސް ރިސޯޓުތައް އަންނަނީ ހިންގަމުންނެވެ. ހޮޓެލްތައް މެނޭޖު ކުރުމުގައި ދުނިޔޭގެ މަޝްހޫރު އެކޯ އިން މިހާރު ވެސް 100 އަށް ވުރެ ގިނަ ގައުމުގައި 4،500 ރިސޯޓު އަންނަނީ ހިންގަމުންނެވެ.