ކަޝްމީރު ހަނގުރާމަވެރިޔާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު
ކަޝްމީރު ހަނގުރާމަވެރިޔާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު

އިންޑިއާ އިން އެންމެ ބޮޑަށް ބޭނުންވެގެން އުޅުނު ކަޝްމީރުގެ ހަނގުރާމަވެރިޔާގެ ޖަނާޒާގައި އިއްޔެ އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

އިންޑިއާ ސިފައިން ބުނާ ގޮތުގައި އެ މީހުންގެ ހަމަލާއެއްގައި ޒާކިރު މޫސާ މަރުވީ، ކަޝްމީރުގެ ދެކުނު ހިސާބެއްގައި ހުރި ގެއެއްގެ ތެރޭގައި އުޅެނިކޮށެވެ.

އޭނާގެ މަރާ އެކު ކަޝްމީރުގައި ވަނީ ހަމަނުޖެހުންތައް އުފެދިފަ އެވެ.

މޫސާ އަކީ 2016 ގައި މަރާލި ކަޝްމީރުގެ އިސް ހަނގުރާމަވެރިއެއް ކަމަށްވާ ބަރުހާން ވާނީގެ ވަރަށް ގާތް މީހެކެވެ. ބަރުހާން މަރާލުމުން، އިންޑިއާގެ ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ޒާކިރު މޫސާގެ މަރަކީ ބަރުހާންގެ މަރަށް ފަހު އިންޑިއާ ސިފައިންނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

އިންޑިއާގައި މުސްލިމުންގެ މެޖޯރިޓީ އޮންނަ ހަމައެކަނި ސްޓޭޓް ކަމަށްވާ ކަޝްމީރުގެ ހަނގުރާމަވެރިންގެ އަމާޒަކީ ވަކި ދައުލަތެއް އުފެއްދުމެވެ. އެހެންކަމުން ހަނގުރާމަވެރިންނަށް އާންމުންގެ ތެރޭގައި އޮންނަ ލޯބި ބޮޑެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އިއްޔެގެ ޖަނާޒާގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.