25 މެއި 2019 - 12:19

އުރީދޫ މަސް ރޭހުގެ އަންހެން ޓީމުތަކަށް ހާއްސަ ކުރި ބައިން ސްޓެލްކޯގެ ޓީމު ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސްޓެލްކޯގެ އަންހެން ޓީމު މި ކާމިޔާބު ހޯދީ، ބީއެމްއެލް ޔުނައިޓެޑާއި ޑީއެސްސީ ވިމެން އަދި އެމްޓީސީސީ ކަނބަލުންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސްޓެލްކޯގެ އަންހެން ޓީމު ފައިނަލަށް ގޮސްފައިވާއިރު، އެ ކުންފުނީގެ ފިރިހެން ޓީމު ވެސް ވަނީ ފައިނަލް ކަށަވަރު ކޮށްފަ އެވެ.
ކޮންމެ ރޯދަ މަހަކަށް ހާއްސަކޮށް ބާއްވާ އުރީދޫ މަސް ރޭސް މި އަހަރު ކުރިއަށް ގެންދަނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އެއް ބުރު ހާއްސަ ކުރީ އަންހެން ޓީމުތަކަށެވެ.
ކޮންމެ ބުރަކުން އެއްވަނަ ޓީމު ފައިނަލަށް ދާނެ އެވެ. ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ ފިތުރު އީދު ދުވަހު އެވެ. ބާބެކިއު އާއި ބޮޑުބެރުގެ ހާއްސަ އިވެންޓުތަކެއް ވެސް އެ ދުވަހު ކުރިއަށް ގެންދާނެ އެވެ.
އުރީދޫ މަސް ރޭހުގައި ބައިވެރިވާން މި އަހަރު 23 ޓީމަކުން ކުރިމަތިލި އެވެ. ރޭހަށް ނަގާ 16 ޓީމު ކަނޑައެޅީ ގުރުއަތުލައިގެންނެވެ. މަސް ރޭހުން އެއްވަނަ ޓީމަކަށް 50،000ރ. ގެ ފައިސާގެ އިނާމެއް ލިބެ އެވެ.