27 މެއި 2019 - 16:37

މެދު ރާއްޖެތެރެ އާއި ދެކުނުގެ ހިސާބުތަކަށް މިއަދު ކުރި ވިއްސާރާގައި 19 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައްވި ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު މޫސާ ފިކްރީ ވިދާޅުވީ މިއަދުގެ ވިއްސާރާގައި ތ. އަތޮޅުގެ ހަ ރަށެއްގައި ފެންބޮޑުވިއިރު އޭގެ ތެރެއިން ގުރައިދޫގެ 10 ގެއަކަށް އަދި އޮމަދޫގެ ހަތް ގެޔަކަށް ފެންވަދެ އެ ގޭގޭ ހިފާ ގެންގުޅޭ ތަކެއްޗަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އަދި ލ. އިސްދޫގައި ފެންބޮޑުވެ އެ ރަށުގެ ދެ ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީހުން ދިރިނޫޅެވޭ ވަރަށް އެއްވެސް ގެއަކަށް ގެއްލުން ނުލިބޭ ކަމަށާއި ލިބުނު ގެއްލުންތަކުގެ ތަފްސީލް ހޯދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެންބޮޑުވެފައިވާ ރަށްރަށުން ފެން ހިންދުމަށްޓަކައި ކޯރު ކެނޑުމާއި ޕަންޕު ޖަހައިގެން ފެން ހިއްކުމުގެ އިތުރުން ދޮރާށިތައް ކައިރި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތްތައް ކުރަމުން އަންނަނީ ސިފައިންނާއި ފުލުހުންގެ އިތުރުން ރަށްރަށު ކައުންސިލްތައް ގުޅިގެންނެވެ.
މެދު ރާއްޖެތެރެ އަށް މިރޭ ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އަދި މި ދުވަސްވަރު ވައިމަޑުވުމުން ގިނަ ވަގުތު ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެ އެވެ.
* ގެޔަށް ފެން ނުވަންނާނެހެން ގޭގޭ ދޮރާށިތައް ކުރިމަތީ ވެލި ބަސްތާ ޖެހުން
* ފެންބޮޑުވާ ހާލަތެއްގައި ވެސް ފެން ނުޖެހޭނެ ހިސާބުގައި ތަކެތި ބެހެއްޓުން
* ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަލާލުކަން ދިނުން