27 މެއި 2019 - 23:47

މިހާރު ކުރަމުންދާ ވިއްސާރާގައި ވައި ގަދަވުމުގެ ސަބަބުން އިމާރާތްތަކުން ކުޑަ ދޮރު ފަދަ ތަކެތި ވެއްޓެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިމާރާތްތަކުން އެއްޗެތި ވެއްޓި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެހެންކަމުން ކުޑަދޮރުތައް ލަޕާޕައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
ވައިގަދަވުމުގެ ސަބަބުން މިރޭ މާލޭގެ ދެ އިމާރާތަކުން މަގުމައްޗަށް ދެ ކުޑަ ދޮރު ވަނީ ވެއްޓިފަ އެވެ.
އެ ހާދިސާތަކުގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ފުލުހުން ބުނީ މިރޭ 7:45 ކަންހާއިރު މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން މަގުމައްޗަށް ކުޑަ ދޮރެއް ވެއްޓިފައިވާ ކަމަށެވެ. ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ދެން ކުޑަ ދޮރު ވެއްޓިފައިވަނީ މިރޭ 9:43 ކަންހާއިރު މެޓްރޯ ކެފޭ ހިންގާ އިމާރާތުގެ ތިން ވަނަ ފްލޯއިންނެވެ. އެ އިމާރާތުގެ އިތުރު ދޮރުތަކެއް އަރިއަޅާލާފައި ވާތީ ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިއަދުގެ ދުވާލު ވަގުތު ވެސް ވަނީ ދެ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި ތިން މީހަކަށް އަނިޔާވެފަ އެވެ.