01 ޖޫން 2019 - 23:31

މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު މިރޭ ގަން ހިންގުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނުގައި ހުރި ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އުމުރުން 18 އަހަރުގެ ފިރިހެނަކު، އާންމުން ހިފެހެއްޓި ކަމަށެވެ. ފިހާރަ އިން ވައްކަން ކުރި މައްސަލައިގައި އެ މީހާ ފަހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ ގަން ހިންގުވާފައި ވަނީ ބުރަކަށީގައި "ވަގު" ޖަހައި ސްޕްރޭ ކުރުމަށް ފަހު އެވެ.
ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މައްސަލައިގައި މީހަކު ގަން ހިންގުވި އިރު، ހުޅުމާލޭގައި ދާދި ފަހުން ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހިފަހައްޓައި އޭނާ ވަނީ ގަން ހިންގުވައިފަ އެވެ. އެމީހާ ވެސް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.