"ފޯޑް ވާސަސް ފެރާރީ" ގެ ޓްރެއިލާ ދައްކާލައިފި
"ފޯޑް ވާސަސް ފެރާރީ" ގެ ޓްރެއިލާ ދައްކާލައިފި

މި ފިލްމުގައި ފެންނަނީ މެޓް ޑޭމަން އާއި ކްރިސްޓިއަން ބޭލްގެ ކުރިމަތިލުމެކެވެ. އެކަކު ރޭހަށް ނުކުންނާނީ ފޯޑްގެ ރޭސް ކާރެއްގަ އެވެ. އަނެއް މީހާ ނުކުންނާނީ ފެރާރީއެއްގަ އެވެ. ބޭނުމަކަށް ވާނީ ދެ ބްރޭންޑްގެ ތެރެއިން ރޭހުގެ މައިދާނުގެ ގަދަހިފުމަކަށް ދާ ގޮތް ދައްކުވައި ދިނުމެވެ.

މިއީ ފިލްމު "ފޯޑް ވާސަސް ފެރާރީ" ގެ މައިގަނޑު ޕްލޮޓް އެނބުރޭނެ ގޮތެވެ. ދެހާސް ސަތާރައިގައި ރިލީޒް ކުރި "ލޯގަން" ގެ ޑައިރެކްޓަރު ޖޭމްސް މޭންގޯލްޑް ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ޑޭމަން ފެނިގެން ދާނީ ކެރޯލް ޝެލްބީ ކިޔާ ކެރެކްޓާއަކުންނެވެ. ބޭލް އަކީ ކެން މައިލްސް އެވެ.

ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ފޯޑް ވާސަސް ފެރާރީ" ގައި ދައްކުވައި ދޭނީ 1966 ގެ ހާދިސާތަތެކެވެ. ޓްރެއިލާ އިން ބެލުންތެރިންގެ ޝައުގުވެރިކަން ޔަގީނުން ވެސް އިތުރުކޮށް ދޭނެ އެވެ.

އަނެއްކޮޅުން މި ފިލްމަކީ އޭ-ލިސްޓް ދެ އެކްޓަރަކު ފެނިގެންދާ ފިލްމަކަށްވާތީ ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ.

ޓްވެންޓިއެތު ސެންޗަރީ ފޮކްސް އިން 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ފޯޑް ވާސަސް ފެރާރީ" ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 15 ގަ އެވެ. ފިލްމުގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައި ވަނީ ވޯލްޓް ޑިޒްނީންނެވެ.