04 ޖޫން 2019 - 11:23

ސަލާމަތީ ކަންކަން ވަރުގަދަކޮށްގެން ތިބެ، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ގެއެއް ހޯދައި 11 މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ މ. އެވަރެސްޓްއާގެ ކަމަށެވެ. މިއީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އެތައް ފަހަރަކު ފުލުހުން ރެއިޑް ކުރި ގެ އެކެވެ.
ފުލުހުން ބުނި ގޮތުގައި މި ފަހަރު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރީ އުމުރުން 23 އަހަރާއި 36 އަހަރާ ދެމެދުގެ އަށް ދިވެހި ފިރިހެނުންނާއި 25 އަހަރާއި 33 އަހަރާ ދެމެދުގެ ބަންގްލަދޭޝް ތިން ފިރިހެނުން ކަމަށެވެ.
އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސް ގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެވަރެސްޓްއާގެ އަށް ފުލުހުން ވަނީ ދަގަނޑު ތޭރި ދޮރުތައް ނައްޓައިގެން ކަމަަށެވެ. އަދި އެ ގޭގެ ފާރު ތަޅާލީ ފުލުހުންނަށް ވަދެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް ބުންޏެވެ. މި ގެ އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާ ގުޅޭ ހިދުމަތް ދޭ ގެއެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި ގްރޫޕް ހަދައިގެން މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެފަދަ ވިޔަފާރިކުރާ މާލޭގެ ހަތަރު ގެއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންވެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް، މަސްތުގެ ހާލަތުގައި ތިބި 345 މީހަކާއި މަސްތުވާތަކެތި ޓްރެފިކް ކުރި 111 މީހަކާއި މަސްތުވާތަކެތި ޕެޑަލްކުރި 394 މީހަކާއި ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެގެން 77 މީހަކު ހައްޔަރުކުރި އެވެ.