06 ސެޕްޓެމްބަރ 2016 - 21:24

ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު ގިނަ އުފެއްދުންތަކާއެކު އިއްޔެ ފެށި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު، ހޮޓެލް އޭޝިއާ އެގްޒިބިޝަނަށް މިހާތަނަށް 2،233 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެކަން އިންތިޒާމްކުރާ ކުންފުނިން ބުނެފި އެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ފެއާގައި ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގެ 175 ފަރާތަކުން ބައިވެރިވެ އެވެ. މިއީ މި ފެއާ ކުރިޔަށް ގެންދާ 12 ވަނަ އަހަރެވެ.

މެކްސްގެ އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ދެ ދުވަހުގެ ތެރޭގައި 2،000އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އެއިން ދައްކައިދެނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން އެ މައުރަޒު ވަރަށް ބޮޑަށް ބަލައިގެންފައިވާކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިތަނަށް ފުރަތަމަ ދުވަހު އެކަނި ވެސް ހާހެއްހާ މީހުން ޒިޔާރަތްކުރި. މިހާތަނަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން 80 ޕަސެންޓަކީ ރިސޯޓްތަކާއި ވިޔަފާރިއާ ގުޅުންހުރި މީހުން،" އޭނާ ވިދާޅުވި އެވެ. "މިއީ އާއްމުކޮށް ހުޅުވާލާފައިވާ މައުރަޒެއް ނޫން. ނަމަވެސް އާއްމުންގެ ތެރެއިން ވެސް ބޭނުން ބަޔަކަށް ވަދެވޭނެ."
އޮފިޝަލް ވިދާޅުވީ މައުރަޒަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ މި މައުރަޒުގެ ބައިވެރިވި ފަރާތްތައް ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.
"މިހާ ކާމިޔާބުކަމާއެކު ކުރިޔަށް މިގެންދެވެނީ އަޅުގަނޑުމެންގެ މެއިން ސްޕޮންސާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން. ޖުމްލަކޮށް ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިފަހަރު ލިބުނު ތަރުހީބަށް ބަލައި އަންނަ އަހަރު ދަރުބާރުގޭގެ އިތުރު އޭރިއާއެއް ވެސް ނަގަން ނިންމާފައިވާ ކަމަށެވެ.
މާދަމާގެ ނިޔަލަށް ފެއާ ކުރިޔަށްދާއިރު ކެއްކުމުގެ ތަފާތު ހުނަރު ދައްކައިދޭ މުބާރާތަކާއި ހާއްސަ ސެމިނާތަކެއް ވެސް ކުރިޔަށް ގެންދެ އެވެ. އޭގެ އިތުރުން މައުލޫމާތު ދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއި ކަމާ ގުޅޭ ތަޖުރިބާކާރުން ހިމެނޭ ހާއްސަ ޕެނަލެއް ވެސް ހަރަކާތްތެރިވެ އެވެ.
މިފަހަރުގެ ހޮޓެލް އޭޝިއާ ފެއާގައި ރިސޯޓްތަކުގެ ކޮޓަރިތަކަށް ބޭނުންވާ ތަފާތު ސާމާނާއި ލޯންޑްރީ، އެއާކަންޑިޝަނިން، ސާފުތާހިރުކޮށް ބެލެހެއްޓުމާ ގުޅޭ ސާމާނާއި ކޭޓަރިންއަށް ބޭނުންވާ ސާމާނު ވެސް ދައްކާލަން ބަހައްޓާފައިވެ އެވެ. އޭގެ އިތުރުން ބަގީޗާ ހެއްދުމާ ގުޅޭ ސާމާނާއި ތަފާތު އެކި ވައްތަރުގެ ފަރުނީޗަރާއި ކުނި ނައްތާލަން ބޭނުންކުރާ ސާމާނާއި ޒަމާނީ ސެކިއުރިޓީ ސިސްޓަމްތައް ވެސް އެބަ ހުއްޓެވެ.
ފެއާގައި ހިމެނޭ ކަލިނަރީ ޗެލެންޖްގައި 75 ތަނަކުން 500 އެއްހާ ކައްކާއިން ވާދަކުރެ އެވެ.