މަހުލޫފްގެ މައްސަލަ ޔޫއެންގެ ވޯކިން ގްރޫޕުން ނޮވެމްބަރު މަހަށް އެޖެންޑާ ކޮށްފި
މަހުލޫފްގެ މައްސަލަ ޔޫއެންގެ ވޯކިން ގްރޫޕުން ނޮވެމްބަރު މަހަށް އެޖެންޑާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލަށްލި މައްސަލަ ބަލަން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން އަންނަ ނޮވެމްބަރު މަހަށް އެޖެންޑާކޮށްފި އެވެ.

އިދިކޮޅު ފަރާތްތައް ހިމެނޭ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް 10 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލާގައި ހަތަރު މަހާއި 24 ދުވަހު ހުކުމެއް އިއްވިއިރު ދެވަނަ މައްސަލާގައި އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ.

ދިވެހި ސަރުކާރަށް ރައްދުވާ ގޮތަށް އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހަޅާފައިވަނީ މަހްލޫފްގެ އަނބިކަނބަލުންނާއި ވަކީލާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ނަމުގަ އެވެ.

މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވީ އެ މައްސަލަ އަންނަ ނޮވެމްބަރު 21 އިން 25 އޮންނަ ސެޝަނަށް އެޖެންޑާކޮށްފައިވާ ކަން މިއަދު އަންގާފައިވާ ކަމަށެވެ.

އެ ގްރޫޕުން ފޮނުވި އީމެއިލެއްގައި ބުނެފައި ވަނީ އެކަމާ ގުޅޭ ގޮތުން ލިޔެކިއުންތައް ސަރުކާރަށް އަންނަ ހަފުތާގައި ފޮނުވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބެލުމަށްފަހު އެ ގްރޫޕުން ދެކޭ ގޮތް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށާއި އާއްމުންނަށް ވެސް ފެންނާނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ ގްރޫޕުން ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.

އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅިއިރު މަހްލޫފަށް ވަކިވަކިން އިއްވި ދެ ހުކުމްގެ މައްސަލަ ވެސް މަހްލޫފްގެ ފަރާތުން އޮތީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.

މީގެކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލާގައި އެމަނިކުފާނު ދޫކޮށްލަން އދ. ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމަށް ސަރުކާރުން އަމަލުކޮށްފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައިވަނީ ވޯކިން ގްރޫޕުގެ ނިންމުމަކީ އަމަލު ކުރުން ލާޒިމް ނިންމުންތަކެއް ނޫން ކަމަށެވެ.