14 ޖޫން 2019 - 06:57

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރް އެނބުރި އެކްޓިން އަށް އަންނަ ވެބް ސީރީޒް "މެންޓަލްހުޑް" ގައި އޭނާގެ ފިރިމީހާގެ ރޯލް ކުޅެން އެކްޓަރު ސަންޖޭ ސޫރީ ސޮއިކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރިޝްމާ ތިން ކުދިންގެ މަންމަގެ ރޯލް ކުޅޭ ސީރިޒްގައި ސަންޖޭ ފެންނާނީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅޭ ސައިންޓިސްޓެއްގެ ރޯލުންނެވެ.
އެއީ ވަރަށް ރުޅި ވެސް ގަދަ މީހެއްގެ ކެރެކްޓާ ކަމަށާއި އާއިލާ ތެރޭގައި ނިންމަން ޖެހޭ މުހިއްމު ގިނަ ނިންމުތަކުގައި ވެސް ސަންޖޭގެ ހިއްސާއެއް ނޯންނާނެ ކަމަށާއި އާއިލާ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ނަގާ މީހެއްގެ ގޮތުގައި "މެންޓަލްހުޑް" އިން ފެނިގެން ދާނީ ކަރިޝްމާ ކުޅޭ ކެރެކްޓާ ކަމަށް މީޑިއާތަކުން ބުންޏެވެ.
މިއީ އެކްތާ ކަޕޫރް ޕްރޮޑިއުސް ކުރާ ސީރީޒެކެވެ. އަދި ސްޓްރީމް ކުރަން ފަށާނެ އިރެއް އިއުލާން ނުކުރާ ނުކުރާ "މެންޓަލްހުޑް" ގެނެސް ދޭނީ އެކްތާގެ ކުންފުނި ބަލާޖީގެ ޑިޖިޓަލް ޕްލެޓްފޯމް އޯލްޓް ބަލާޖީންނެވެ.
ސަންޖޭ، 48، އަކީ ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ލިބުނު އެކްޓަރެއް ނޫނެވެ. އޭނާ މިހާތަނަށް ކުޅެފައި ވަނީ ވެސް ތަންކޮޅެއް "އޮފް-ބީޓް" ފިލްމުތަކެވެ. އޭގެ ތެރޭގައި "ދިލް ވިލް ޕިޔާރު ވިޔާރު"، "ޕިންޖަރު" އަދި "މައި ބްރަދާ...ނިކިލް" ފަދަ ފިލްމުތައް ހިމެނެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި އާލިއާ ބަޓްގެ "ރާޒީ" ގެ ހާއްސަ ފެނިލުމަކުން ފެނިގެން ދިޔަ ސަންޖޭޭ ދެން އެންމެ އަވަހަށް ފެންނާނީ ވެސް ވެބް ސީރިޒަކުންނެވެ. އެއީ ނެޓްފްލިކްސް އިން މި މަހުގެ 14 ގައި ސްޓްރީމް ކުރަން ފަށާ "ލީލާ" އެވެ. ދީޕާ މެހެތާ ޑައިރެކްޓްކޮށްފައިވާ އެ ސީރީޒްގެ ބަތަލާއަކީ ހުމާ ގްރޭޝީ އެވެ.