12 ޖޫން 2019 - 15:21

އއ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ނަމަވެސް މައްސަލަ ހުށައެޅިތާ ދެ ހަފުތާއެއްހާ ދުވަސް ވީ އިރު ވެސް އެކަމުގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރެވޭ ގޮތެއް ނުވި އެވެ.
ހަތް އަހަރުގެ ކުއްޖާއަށް ޖިންސީ އަނިޔާކުރި އެ މައްސަލަ ފުލުހުންނަށް ހުށައެޅީ މިދިޔަ މަހު 25 ގަ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ތުހުމަތުކުރެވެނީ 55 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރެވޭވަރު ނުވަނީ އޭގެ ކުރިން ހޯދަން ޖެހޭ ޑޮކިއުމެންޓްތަކެއް ލިބުން ލަސްވާތީ ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.