މިވަރުގެ ރޫހެއް، ޖޯޝެއް ނުދެކެން: ގައުމީ ކޯޗު
މިވަރުގެ ރޫހެއް، ޖޯޝެއް ނުދެކެން: ގައުމީ ކޯޗު

އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފުގައި ރޭ ލާއޮސް އަތުން 4-0 އިން ދިވެހިރާއްޖެ މޮޅުވި މެޗުގައި ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި ނަތީޖާއާ މެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އެންމެ އުފާވަނީ، ޓީމުގެ ތެރޭގައި އޮތް ރޫހު ފެނިފައި ކަމަށް ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

މިވަރުގެ ރޫހެއް، ޖޯޝެއް ނުދެކެން: ގައުމީ ކޯޗު
މިވަރުގެ ރޫހެއް، ޖޯޝެއް ނުދެކެން: ގައުމީ ކޯޗު

މެޗުގެ ކުރިން ވެސް ސްޓެވާޓް ބުނީ ކިތަންމެ މޮޅަށް ޓީމު ރާވާފައި އޮތަސް ޓީމުގެ ތެރޭގައި ރޫހެއް، ޖޯޝެއް ނެތިއްޔާ މޮޅުނުވެވޭނެ ކަމަށެވެ.

"ކޮންފަދަ ކުޅުމެއް ފެނުނީ. ނަތީޖާ ވެސް ވަރަށް ރަނގަޅު. އެކަމަކު އަހަރެން އެންމެ ހިތްހަމަޖެހުނީ ޓީމުގެ ތެރޭގައި އޮތް ރޫހު ފެނިފައި. އެއްވެސް ކުޅުންތެރިޔަ އަނެއް ކުޅުންތެރިޔާ މާޔޫސްވިޔަކަ ނުދޭ. މި ޓީމުގައި ހުނަރު އެބަހުރި. އެހެންވެ ޖޯޝާ އެކު މިގޮތަށް ކުޅެފިއްޔާ ނަތީޖާ ނެރެވޭނެ،" ސްޓެވާޓް ބުންޏެވެ. "މިއީ އަހަރެން ކޯޗުކޮށްދިން ޓީމަކުން ފެނުނު އެންމެ ވަރުގަދަ ޓީމު ރޫހު."

ސްޓެވާޓް ބުނީ މި ކާމިޔާބީގައި، އޭނާގެ ވެސް ނުވަތަ ވަކިވަކި އެއްވެސް ކުޅުންތެރިޔަކަށް ކްރެޓިޑް ނުނެގޭނެ ކަމަށާއި މިއީ ޓީމު މޮޅެއް ކަމަށެެވެ.

"ހާއްސަކޮށް އަހަންނަށް މީގެ އެއްވެސް ކްރެޑިޓެއް ނޯންނާނެ. މިއީ ހަމަ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް. ބޭއިންސާފަކަށް ވާނީ ވަކި ކުޅުންތެރިއެއްގެ ވާހަކަ ބުނުން ވެސް. (ދަނޑު ތެމި) އުނދަގޫ ހާލަތެއްގައި ވެސް މި މޮޅު ލިބުނީ އެންމެންގެ މަސައްކަތުން،" ސްޓެވާޓް ބުންޏެވެ.

ރޭގެ މެޗުގައި ހަތަރު ލަނޑު ޖެހި ނަމަވެސް ރާއްޖެ އަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ކޯޗު ބުނީ އެކަމާ ޝަކުވާއެއް ނެތް ކަމަށާއި، ފުރުސަތުތައް ނުހޯދުނު ނަމަ އޭނާ މާ ދެރަވީސް ކަމަށެވެ.

"ލިބޭ ފުރުސަތުތައް ބޭކާރުވުމަކީ ވެސް ފުޓްބޯޅައިގެ ބަޔެއް. އަހަރެން މާ ދެރަވާނެ ފުރުސަތު ނުލިބުނު ނަމަ. މިރޭ އަހަރެމެން އުފެއްދުންތެރި ކުޅުމެއް ދެއްކީ،" އޭނާ ބުންޏެވެ.

ގައުމީ ޓީމަކާ ފުރަތަމަ ފަހަރަށް ހަވާލުވި ސްޓެވާޓް ބުނީ ގައުމީ ކޯޗެއްގެ ގޮތުގައި އޭނާގެ ތަޖުރިބާ ވަރަށް އުފާވެރި ކަމަށާއި ހާއްސަކޮށް ސަޕޯޓަރުންގެ ތަރުހީބު ލިބުމުން އިތުރަށް އުފާވި ކަމަށެވެ.

"ކުޅުންތެރިން ވެސް ޖެހޭނެ މި ކާމިޔާބީން ހިތްހަމަޖެހުން ހޯދަން. މި ކާމިޔާބީ ފާހަގަކުރަން ޖެހޭނެ. އަހަރެން ހަމައިމުވެސް މިހިރީ ވަރަށް އުފަލުން،" އޭނާ ބުންޏެވެ. "ދިވެހިން ފަހުރުވެރިވާ ފަދަ ކުޅުމަކާއި ނަތީޖާއެއް މިއީ."