ފުރަތަމަ މެޗުން ބްރެޒިލަށް މޮޅެއް، ތަރިއަކީ ކުޓީނިއޯ
ފުރަތަމަ މެޗުން ބްރެޒިލަށް މޮޅެއް، ތަރިއަކީ ކުޓީނިއޯ

ސައޮ ޕޯލޯ (ޖޫން 15) – ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ނެތި ކުޅުނު ބްރެޒިލުން ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުން މިއަދު ބޮލީވިއާ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

މިރޭގެ މެޗުގެ ތަރިއަކަށްވީ، އަނިޔާގެ ސަބަބުން ނޭމާ ކުޅުމާ ދުރަށް ދާން ޖެހުމާ އެކު، ބްރެޒިލްގެ އެންމެ މުހިއްމު ކުޅުންތެރިޔަކަށްވާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނު ބާސެލޯނާގެ ފިލިއްޕެ ކުޓީނިއޯ އެވެ. އޭނާ ވަނީ ދެ ގޯލް ޖަހައިދީފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ވަރުގަދަ އެޓޭކްކުރި ނަމަވެސް ބޮލީވިއާގެ ވަރުގަދަ ޑިފެންސިވް ކުޅުމުގެ ސަބަބުން ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. މުޅި ޓީމު ފަހަތަށް ފައިބައިގެން ތިބެ ބޮލީވިއޯ އިން ދިޔައީ ޑިފެންސްކުރަމުންނެވެ.

އެއާ އެކު ހާފު ގަޑީގައި، ދަނޑަށް ވަދެ ތިބި 67،000 ސަޕޯޓަރުންގެ ފަރާތުން ބްރެޒިލް ޓީމަށް ހިތްހަމަނުޖެހުންތައް އަމާޒުވި އެވެ. އެކަމަކު ދެ ވަނަ ހާފުގައި ބްރެޒިލުން ތަފާތު ދެއްކި އެވެ. އެގޮތުން ދެ ވަނަ ހާފުގައި ކުޓީނިއޯ ބްރެޒިލްގެ ގޯލް ހުޅުވާލަދިނީ 50 ވަނަ މިނެޓުގައި ޕެނަލްޓީ އަކުންނެވެ. ރިޗާލިސަން ފޮނުވާލި ބޯޅަ ބޮލީވިއާގެ ޖުސީނޯގެ އަތުގައި ޖެހުމުން ރެފްރީ ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ސިސްޓަމުން ބަލައިގެންނެވެ. މިއީ މި މުބާރާތުގައި ވީއޭއާރް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

ލިވަޕޫލް ދޫކޮށް މިދިޔަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފަހުން ކުޅުން ދަށްވެ ފާޑުކިޔުން އަމާޒުވެފައިވާ ކުޓީނިއޯ، ބްރެޒިލަށް ލީޑު ފުޅާކޮށްދިނީ އޭގެ ތިން މިނެޓު ފަހުންނެވެ. ރޮބާޓޯ ފިރްމީނިއޯ ނަގައިދިން ހުރަސް އޭނާ ގޯލަށް ވައްދާލީ ފުންމައިގެން އަރައި ބޮލުން ޖަހަ އެވެ. ބްރެޒިލްގެ ތިން ވަނަ ލަނޑު 85 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިޔާ އެވަޓަން އެވެ. އޭރިއާ ތެރެއިން ބޮލީވިއޯ ދެ ކުޅުންތެރިން ކައިރިން ދެމި ގަނެ މަޑުމަޑުން އޭރިއާ ބޭރަށް ނުކުމެ ޑީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.

މިއީ އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ޖަރުމަން އަތުން 7-1 އިން ބަލިވެ ލަދުވެތި ގޮތަކަށް ކަޓައިގެން ދިޔަ ބްރެޒިލަށް ސަޕޯޓަރުންގެ ކުރިމަތީގައި ބޮޑު ކާމިޔާބެއް ހޯދަން ލިބިފައިވާ ފުރުސަތެކެވެ. ބްރެޒިލާއި ބޮލީވިއާގެ އިތުރުން ގްރޫޕް އޭ ގައި ހިމެނެނީ ވެނެޒުއޭލާ އަދި ޕެރޫ އެވެ.

އެންމެ ވަރުގަދަކޮށް ފެންނަނީ އާޖެންޓީނާ، ކޮލަމްބިއާ، ޕެރެގުއޭ އަދި އޭޝިއާގެ ޗެމްޕިއަން ގަތަރު ހިމެނޭ ގްރޫޕް ބީ އެވެ. އާޖެންޓީނާ އާއި ކޮލަމްބިއާ އިން މިރޭ ދަންވަރު ރާއްޖެ ގަޑިން 3 ޖަހާއިރު ވާދަކުރާނެ އެވެ.