08 ސެޕްޓެމްބަރ 2016 - 06:31

އެސްޕްރެސޯ އަށް ވުރެ 80 ގުނަ ބާރުގަދަ ކޮފީއެއް އޮސްޓްރޭލިޔާގެ ކެފޭއަކުން ވިއްކަން ފަށައިފި އެވެ. ނަމަވެސް މި ކޮފީ އީޖާދުކުރި މީހާ ބުނާ ގޮތުގައި މި ކޮފީ ބުއިމުން 18 ގަޑިއިރުވަންދެން ނުނިދޭނެ ކަމަށެވެ.
"އެސްކިކާ" ކިޔާ މި ކޮފީ އަކީ ކޮފީ ބުއިމަށް ލޯބިކުރާ މި ކެފޭގެ ވެރިމީހާ ސްޓީވް ބެނިންޓަން އީޖާދުކުރި ކޮފީއެކެވެ.

މި "ޓާބޯ ކޮފީ" އަސްލު އީޖާދުކުރީ އެ ގައުމުގެ އިމަޖެންސީ ރޫމެއްގައި މަސައްކަތްކުރާ ނަރުހެކެވެ. ރޭގަނޑު ޑިއުޓީގައި ނިދި އަންނަވަރުންނެވެ. އޭނާ ބުނަނީ މި ކޮފީ ބުއިމުން 18 ގަޑިއިރުވަންދެން ނުނިދާ ހުރެވިދާނެ ކަމަށެވެ. ނަމަވެސް މި ކޮފީއާ އެކު ސިއްހީ އިންޒާރެއް ވެސް އެބައޮތެވެ. ނުނިދުމުން ސިއްހަތަށް ލިބޭ ގެއްލުމެވެ.
އެ ނަރުސް ވަނީ ދެ ދުވަސްވަންދެން މި ކޮފީ ބޮއެފަ އެވެ. ސްޓީވް ބުނަނީ ނަރުސް އީޖާދުކުރި ކޮފީ އަށް ބައެއް ކަހަލަ ބަދަލުތައް އޭނާއަށް ގެންނަން ޖެހުނެވެ. ސަބަބަކީ އޭނާ އެ ކޮފީ ބޮއެގެން ތިން ދުވަސް ވަންދެން ނުނިދާ ހުރެފައި ވާތީ އެވެ.
ނަމަވެސް މި ކޮފީ ލޯންޗްކުރުމާ އެކު ވަރަށް މަގުބޫލު އެއްޗަކަށް މިހާރު ވަނީ ވެފަ އެވެ. މި ކޮފީ ބޯން ޖެހެނީ މަދު އެތިއެތިކޮޅުން ތިނެއް ނުވަތަ ހަތަރު ގަޑިއިރު ތެރޭގަ އެވެ.
މި ކޮފީން ދިމާވެދާނެ ސިއްހީ މައްސަލަތައް ސްޓީވް އަށް އެނގެ އެވެ. އެހެންކަމުން ކޮފީ ވިއްކަނީ ސިއްހީ އިންޒާރުތަކާ ވެސް އެކުގަ އެވެ. ހިތުގެ މައްސަލަތައް ހުންނަ މީހުންނާއި ލޭ މައްޗަށް ދާ މީހުން މި ކޮފީ ބުއިން ރަނގަޅެއް ނޫނެވެ.
"އަހަރެން މި ގަންނަން އަންނަ މީހުންނަށް ވަރަށް ތަފްސީލުކޮށް މި ކޮފީގެ މައުލޫމާތު ދީފައި ވިއްކަނީ. މިި ކޮފީ ބޯކަށް ނުވާނެކަމަށް ބުނެ އަހަރެން ވާހަކަ ދައްކައިފި ނަމަ އެމީހަކު މިއެއް ނުގަނޭ،" ސީއެންއެން އާ ވާހަކަ ދައްކަމުން ސްޓީވް ބުނެފައިވެ އެވެ.
އެސްޕްރެސޯ ކޮފީ 44އެމްއެލް ޝޮޓެއްގައި އެވްރެޖްކޮށް ހުންނަނީ 77 މިލިގްރާމް ކޮފީ އެވެ. މާޔޯ ކްލިނިކުން ބުނާ ގޮތުގައި ސިއްހަތު ރަނގަޅުކޮށް ތިބޭ ގިނަ މީހުން ދުވާލަކު 400 ގްރާމް ކޮފީ ބުއިމަކުން ގެއްލުމެއް ނުލިބޭނެ އެވެ.
ކެފެއިން މާގިނައިން ބޭނުންކުރެވިއްޖެ ނަމަ ވަރުބަލިވެ، ހިތް ނުތަނަވަސްވެ، ހާސްކަން އިތުރުވެ އެވެ. އަދި ހިތުގެ ހިނގުން އަވަސްވުމާއި ބައެއް ފަހަރަށް ހިތް ބިރުގަތުން ފަދަ ކަންތައް ވެސް ދިމާވެދާނެ އެވެ.
ސްޓީވް ބުނި ގޮތުގައި ގައިޑްލައިންގައިވާ ގޮތަށް ބޭނުންކުރުމަކުން މައްސަލައެއް ނުޖެހޭނެ އެވެ. އެއަށް ވުރެ މައްޗަށް ދިއުމުން އޭގެ ނުރަނގަޅު ނިޝާންތައް ފެންނަން ފަށާފާނެ އެވެ.
އެސްކިކާ ތަޖުރިބާކޮށްލަން ބޭނުން މީހުންނަށް ޖޯޑެއްގެ ކޮފީ ސްޓީވަންގެ ކެފޭއިން ވިއްކަނީ 16 އޮސްޓްރޭލިޔާ ޑޮލަރު (12 އެމެރިކާ ޑޮލަރު) އަށެވެ.