ކްރިތީ ސެނަން އަނެއްކާ ވެސް ރާއްޖޭގައި، މި ފަހަރު ނިޔާމަ ރިސޯޓްގައި
ކްރިތީ ސެނަން އަނެއްކާ ވެސް ރާއްޖޭގައި، މި ފަހަރު ނިޔާމަ ރިސޯޓްގައި

އާ އަހަރާ ދިމާކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަން އަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

މި ފަހަރު ރައްޓެހިންނާ އެކު ރާއްޖެ އައި ބަތަލާ ޗުއްޓީ ހޭދަކުރަނީ ނިޔާމަ ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ކްރިތީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. ކްރިތީ ކުރިން ޗުއްޓީ ހޭދަ ކުރީ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ.

އޭނާ މި ފަހަރު ރާއްޖެ އައިސްފައި މި ވަނީ އާ ފިލްމު "އަރުޖުން ޕަޓިއާލާ" އަންނަ މަހުގެ 19 ގައި ރިލީޒް ކުރަން ތައްޔާރުވަމުން ދަނިކޮށެވެ.

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ 28 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އެޕްރީލް މަހު ރިލީޒްކުރި ކަރަން ޖޯހަރުގެ ފްލޮޕް ފިލްމު "ކަލަންކް" ގެ ލަވައަކުންނެވެ. އަދި މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ތެރޭގައި ހިމެނޭ "ލުކާ ޗުއްޕީ" އަކީ ކްރިތީ އާއި ކާތިކް އާރިޔަން ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމެކެވެ.

އޭނާ މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ހައުސްފުލް 4" އާއި ޑިސެމްބަރު 6 ގައި ރިލީޒް ކުރާ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ހިމެނެ އެވެ.