ރެއާލުން އެޑިޑާސް ދޫކޮށްލުމަށް ފަހު ނައިކީއާ ދިމާލަށް؟
ރެއާލުން އެޑިޑާސް ދޫކޮށްލުމަށް ފަހު ނައިކީއާ ދިމާލަށް؟

މެޑްރިޑް (ސެޕްޓެމްބަރު 8) - ފާއިތުވި 18 އަހަރު ރެއާލް މެޑްރިޑަށް ކިޓް ފޯރުކޮށްދެމުން އައި މަޝްހޫރު އެޑިޑާސް ކުންފުނި ދޫކޮށްލުމަށް ފަހު އެ ކްލަބުން ނައިކީއާ އެކު ކުރިއަށްދާން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރެއާލާއި އެޑިޑާސްއާ ދެމެދު މައްސަލަ ޖެހުނީ ދާދިފަހުން އެ ކުންފުނިން މެންޗެސްޓާ ޔުނައިޓެޑާ އެކު ހެދި ކިޓް ސްޕޮންސަޝިޕް އެއްބަސްވުން ރެއާލަށް ވުރެ އަގުބޮޑު ވުމުންނެވެ. ޔުނައިޓެޑުން އެޑިޑާސްއާ އެކު ހެދި އެއްބަސްވުމާ ގުޅިގެން އަހަރަކު އެ ޓީމަށް 96 މިލިއަން ޔޫރޯ ލިބެ އެވެ. މިއީ އަހަރަކަށް ބަލާއިރު ރެއާލަށް ވުރެން 40 މިލިއަން ޔޫރޯ އަގުބޮޑު އަދަދެކެވެ.

ރިޕޯޓްތައް ބުނާގޮތުން މިކަމާ ގުޅިގެން ރެއާލުން ވަނީ އެޑިޑާސް އަށް އެ ކްލަބްގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އަދި ކުރިއެރުމެއް ނުލިބިއްޖެނަމަ އެޑިޑާސްއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު އާ ނުކުރަން ރެއާލުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެޑިޑާސް އާއި ރެއާލް މައްސަލަތަކެއް ޖެހިފައިވާ މި ދަނޑިވަޅުގެ ބޭނުން ހިފައި ނައިކީ އިން ވަނީ ރެއާލަށް ސީޒަނަކު 120 މިލިއަން ޔޫރޯ ލިބޭ ކިޓް ސްޕޮންސަޝިޕް އެއްބަސްވުމެއް ރެއާލަށް ހުށަަހަޅާފައިވާ ކަމަށް ބީޓީ ސްޕޯޓްސްގެ ރިޕޯޓެއްގައިވެ އެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭގޮތުން ރެއާލުން ގޮތެއް ނިންމާނީ އިތުރަށް އެޑިޑާސްއާ މަޝްވަރާ ކުރުމަށް ފަހު އެވެ. އެޑިޑާސް އަކީ 1998 ވަނަ އަހަރުން ފެށިގެން ރެއާލްގެ ކިޓް ސްޕޮންސަރެވެ.