27 ޖޫން 2019 - 18:41

އިސްލާމް ދީނާ ގުޅޭ ކަންކަމުގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮން ޓޮލަރެންސް ޕްރޮޖެކްޓުގެ ވެރިއަކަށް، ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ.
މިއީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ސަވްތު އަލް ހިކްމަ އިންސްޓިޓިއުޓާ ގުޅިގެން ފަށާ ބައިނަލްއަގްވާމީ ބޮޑު މަޝްރޫއެކެވެ. އެކި ރޮނގުތަކުން ހާއްސަވެފައިވާ ދީނީ އިލްމުވެރިންނާއި ރިސާޗު ޓީމުތަކުގެ ބެލުމުގެ ދަށުން ފަށާ މި މަޝްރޫއުގެ އެންމެ އިސްވެރިއަކަށް ޝަހީމް ހަމަޖައްސަވައި، އެކަމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ސަވްތު އަލް ހިކްމަ އިންސްޓިޓިއުޓުން ބުނިގޮތުގައި މި ޕްރޮޖެކްޓުގެ މަގްސަދަކީ ކެތްތެރިކަމާއި ސުލްހަވެރިކަމާ ގުޅޭގޮތުން އިސްލާމް ދީނުގެ އަސްލު މީހުންނަށް އަންގައިދިނުމެވެ. ޑިޖިޓަލްކޮށާއި ފޮތެއްގެ ގޮތުގައި ނެރޭ މި އެންސައިކްލޮޕީޑިއާގައި ސުލްހަވެރިކަމާއި އޯގާތެރިކަމާ ގުޅޭގޮތުން ކީރިތި ގުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ހަދީސްފުޅުތައް ހިމެނެ އެވެ. އަދި އިސްލާމް ދީނުގެ މުހިއްމުކަމާއި އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް މި ޒަމާނާ ގުޅޭގޮތުން ރައްދުދީ މައުލޫމާތު ހިމަނާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ޝަހީމަކީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރެވެ. އަދި އެ ޖަމާއަތުގެ ފިކުރީ ގޮފީގެ ވެރިޔަކީ ވެސް އޭނާ އެވެ.