13 ސެޕްޓެމްބަރ 2016 - 21:44

ބެއިޖިން (ސެޕްޓެމްބަރު 13) - ޗައިނާގައި ވިހާ ކުދިންނަށް އިނގިރޭސި ނަން ކިޔައިދީގެން އިނގިރޭސި ވިލާތުގެ 16 އަހަރުގެ ކުއްޖަކު 65،000 ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

ބިއު ޖެސަޕް ވަނީ ޗައިނާ މީހުންނަށް ނަން ކިޔުމަށް ޚާއްސަ ވެބްސައިޓެއް ހަދައިފަ އެވެ. އޭނާ އަށް މި ޚިޔާލު އައީ ޗައިނާ އަށް ކުރި ޒިޔާރަތަކާ ގުޅިގެންނެވެ. އާއިލީ ރައްޓެހިންތަކަކާ އެކު ކެއުމަކަށް ބޭރަށް ގޮސް އުޅެނިކޮށް އަލަށް ވިހޭ ޗައިނާ ކުއްޖަކަށް އިނގިރޭސި ނަމެއް ކިޔުމަށް އޭނާގެ ކިބައިން އެދުނެވެ. ޗައިނާ ކުދިންނަށް އިނގިރޭސި ނަން ކިޔުމަކީ އެ ކުދިން ބޮޑެތި ވެގެން އިނގިރޭސި ވިލާތުގައި ކިޔަވަން ނުވަތަ ވިޔަފާރި ކުރަން ބޭނުންވާ ނަމަ މުހިންމު ކަމެކެވެ.
ޖެސަޕުގެ ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކުމަށް ފަހު ބޭނުންވާ ތިން ނަމެއް ނަގާ، އާއިލާ އާއި ރަހުމަތްތެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް ކުއްޖާ އަށް ކިޔާނެ ނަމެއް ނިންމަ އެވެ. ޖެސަޕް ފުރަތަމަ ނަމެއް ދިނީ އޭނާގެ ބައްޕަގެ ރައްޓެއްސެއްގެ ދަރިއަކަށެވެ. އެމަކަކު އޭނާ ހެދި ވެބްސައިޓް މެދުވެރިކޮށް އެންމެ ފަހުން ވަނީ 200،000 އަށް ވުރެ ގިނަ ޗައިނާ ކުދިންނަށް އިނގިރޭސި ނަންތައް ކިޔައިފަ އެވެ.
ޖެސަޕް ބުނީ އޭނާގެ ވެބްސައިޓުގެ ކާމިޔާބީއަކީ ލިބުނު ބޮޑު ހައިރާން ކަމެއް ކަމަށެވެ.