01 ޖުލައި 2019 - 21:39

އައްޑޫގައި މަޑިއެއް ހިފައި އެއަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.
އީޕީއޭ އިން ބުނީ މި މައްސަލަ ބަލަމުން އަންނަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ. މަޑީގެ ހުރިހާ ބާވަތަކީ ވެސް 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގާނޫނީ ގޮތުން ހިމާޔަތް ކޮށްފައިވާ އެއްޗެކެވެ.
މަޑިއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ދެ މީހަކު ވެގެން ވަނީ އޭގެ ނިގޫ ބުރިކޮށްލައި، ބަނޑުގައި ވަޅި އަޅަ އެވެ.
އަނިޔާކުރުމަށް ފަހު ރަށެއްގެ ބަނދަރުމަތީ، އެއްގަމު ތޮށި މަތިން އެ މަޑި މޫދަށް ވައްޓާލަނީ ބުޅިގަނޑެއް އަޅުވައި ދަމައި އަދި ފުރޮޅަމުން ގެންގޮހެވެ. މޫދަށް ވައްޓާލުމާ އެކު މަޑި ދަނީ އަޑިއަށެވެ. އޭރު އެސޮރަށް ހަރަކާތް ކުރެވޭ ވަރަށް ވުރެ އޮންނަނީ ބަލިވެފަ އެވެ.