09 ސެޕްޓެމްބަރ 2016 - 14:20

މެޑްރިޑް (ސެޕްޓެމްބަރު 9) - އަނިޔާ އިން ސަލާމަތްވެއްޖެ ކަމަށާއި މާދަމާރޭ އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ރެއާލުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ރޮނާލްޑޯ އަށް ވަނީ ސުޕަ ކަޕް ފައިނަލުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗާއި ސްޕެނިޝް ލީގުގައި ރެއާލް ކުޅުނު ފުރަތަމަ ދެ މެޗު ގެއްލިފަ އެވެ.
ރޮނާލްޑޯ ބުނީ ފިޓްނަސް ރަނގަޅު ކުރަން ފާއިތުވި 10 ވަރަކަށް ދުވަސް މަސައްކަތްކުރި ކަމަށާއި މިހާރު މެޗު ކުޅެން ތައްޔާރަށް ހުރި ކަމަށެވެ. ރޮނާލްޑޯ މާދަމާރޭގެ މެޗުގައި ބޭނުންކުރާނީ 60 މިނިޓަށް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ ބުނެފަ އެވެ.
ރޮނާލްޑޯ ނުލައި ޕޯޗުގަލް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ސްވިޒަލެންޑް އަތުން ބަލިވެފަ އެވެ.
މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު ރެއާލްގެ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ވެސް މާދަމާރޭގެ މެޗުގައި ކުޅުމަށް އެނބުރި އަންނާނެ އެވެ.
މާދަމާރޭ އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ރެއާލް ކުޅޭ މެޗު ވެގެންދާނީ މި ސީޒަނުގައި ބޭލް އާއި ބެންޒެމާ އަދި ރޮނާލްޑޯ އެކުގައި ކުޅޭ ފުރަތަމަ މެޗަށެވެ.