06 ޖުލައި 2019 - 16:55

ފުލުހުންތަކެއްގެ ފޮޓޯ އާއްމުކޮށް އެކި ގޮތްގޮތުން އިންޒާރުދީ ނުހެދުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި ރޭ އޮޕަރޭޝަން ހިންގުމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް (ޕީއެސްސީ) އާއި މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ މިވެނި ބައެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފުލުހުންތަކެއްގެ ފޮޓޯތަކެއް އާންމު ކުރަމުންދާ ކަމަށެވެ.
އެ ފޮޓޯތައް އާއްމުކޮށް އެމީހުންނަށް އެކި ގޮތްގޮތުން އިންޒާރުދީ، ބިރު ދައްކައި ހަދަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ޓުވީޓުގައި ބުނެފައިވެ އެވެ. މިކަން ހުއްޓާލަން އެދި ކުރި ޓުވީޓުގައި، ތަހުގީގު ކުރިއަށް ދަނިކޮށް ސައްހަ ނޫން މައުލޫމާތު ދައުރު ނުކުރަން ވެސް ގޮވާލާފައިވެ އެވެ.
މާފަންނު ގެއެއްގެ ތެރެއިން މީހަކު ހައްޔަރު ކުރުމަށް ފަހު، އެ މީހާ އަށް ފުލުހުންތަކެއް ރޭ އަނިޔާ ކޮށްފައިވާއިރު، އެ މީހާ އަތުލައިގަތް އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި އެ އޮޕަރޭޝަން ހިންގި އިރު، އެ މީހާ އަށް އަނިޔާ ކުރި ފުލުހުން ސަސްޕެންޑް ކުރަން ޕޮލިސް ކޮމިޝަނަރު ވަނީ ނިންމަވައިފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާފަންނު ގެއެއްގެ ތެރޭގައި ހުއްޓައި ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު ދިޔައީ ވަރަށް ބޮޑަށް އަނިޔާ ކުރަމުންނެވެ. ވީޑިއޯގައި، އެ މީހާގެ ގައިގައި ކޮޅުފައިންނާއި ގާބުރިއަކުން ތަޅަ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
ފުލުހުން ރޭ އަނިޔާ ކުރީ، މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މ. އުޖާލާގެ އަށް ވަދެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގައި ހުރި މީހަކަށެވެ. ފުލުހުން ބުނި ގޮތުގައި އެ ގެ އަށް ފުލުހުން ވަދެފައި ވަނީ ރޭ 7:30 ހާއިރު އެވެ.