މަގާމުން ދުރުކުރުމުން އެކި ފަރާތްތަކަށް ލަތީފުގެ ސީރިއަސް ތުހުމަތުތަކެއް
މަގާމުން ދުރުކުރުމުން އެކި ފަރާތްތަކަށް ލަތީފުގެ ސީރިއަސް ތުހުމަތުތަކެއް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ އުވާލައި އިންޓަރިމް ކޮމިޓީއާ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހަވާލުކުރުމުގައި ކަންކަން ކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ، މަގާމުގެ ދިފާއުގައި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު އެކި ފަރާތްތަކަށް ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ލަތީފުގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ފަރާތްތަކުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީފު ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ވޮލީ އާއިލާ އަށް ވެސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. މި ބައްދަލުވުން ބޭއްވީ މިދިޔަ ބުރަސްފަތި ދުވަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

އޮލިމްޕިކް ކޮމިޓީ އަށް ފޮނުވި ސިޓީގައި އެފްއައިވީބީން އެދިފައި ވަނީ ވީއޭއެމް އަކީ އެފްއައިވީބީގެ މެމްބަރަކަށްވީ ހިނދު އެ އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެ ފެޑެރޭޝަނަށް އޮޅުން ފިލުވައިދިނުމަށެވެ. އަދި އެ ކަންތައްތަކުގެ ތަހުގީގު ނިމުމާ ހަމައަށް ވީއޭއެމްގެ އިސް ފަރާތެއްގެ ގޮތުގައި އެ ފެޑެރޭޝަނުން ގަބޫލުކުރާނީ އެންމެ ފަހުން އޮތް ލަތީފުގެ ލީޑަޝިޕްގެ ހިންގާ ކޮމިޓީ ކަމަށެވެ.

ލަތީފު މިއަދު ވިދާޅުވީ މިދިޔަ މެއި މަހު 21 ވަނަ ދުވަހު ވީއޭއެމްގެ މައްސަލަތަކެއް ހުށަހަޅައިގެން އެކަންކަން ތަހުގީގު ކުރަން ސްޕޯޓްސް މިނިސްޓްރީން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމުން އެ ކޮމިޓީ އަށް ފުރިހަމަ އަށް އެއްބާރުލުން ދިން ކަމަށެވެ. އެކަމަކު އެ ކޮމިޓީން ފާހަގަކުރި މައްސަލަތަކުގެ މައުލޫމާތު ވީއޭއެމަށް ނުލިބޭ ކަމަށާއި ޖޫން 7 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ މައުލޫމާތު ނުލިބުނު ކަމަށް ލަތީފް ވިދާޅުވި އެވެ.

"އިސްލާހު ކުރަން ހުރި ކަންތައްތައް އަޅުގަނޑަށް ކިޔައެއް ނުދިން. އެ ދުވަހު ވެސް އެނގިގެން ދިޔައީ އިސްތިއުފާ ނޫނީ އިންޓަރިމް ކޮމިޓީއެއް އެކުލަވާލާނެކަން. ރަސްމީ ހައިސިއްޔަތަކުން އެކަން ކަށަވަރުކޮށެއް ނުދިން. މަޝްވަރާކުރަން އެދުނިން،" ލަތީފް ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ފަހު ލަތީފު އާއި އެސޯސިއޭޝަންގެ ސީނިއާ ނައިބު ރައީސް މުހައްމަދު ފަހުމީ ފުރައިގެންދިޔައީ ތައިލެންޑްގައި އޮތް އެފްއައިވީބީގެ ބޯޑު ބައްދަލުވުމަކަށް ކަމަށް އޭރު ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ވިދާޅުވި އެވެ. އެކަމަކު ލަތީފު މިއަދު ވިދާޅުވީ ތައިލެންޑުގައި އެ ފަހަރު އޮތް އޭވީސީ ބޯޑް އޮފް އެޑްމިނިސްޓްރޭޝަންގެ ޖަލްސާ އަށް ވަޑައިގެން އެ ގައުމުގައި ހުއްޓައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން ސިޓީއެއް ލިބުނީ ހިންގާ ކޮމިޓީ އުވާލައި އިންޓަރިމް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ވީއޭއެމްއާ އިންޓަރިމް ކޮމިޓީން ހަވާލުވުމާ އެކު ތައިލެންޑުގައި ހުރެ، މިދިޔަ މަހު 13 ވަނަ ދުވަހު ސްޕޯޓްސް ކައުންސިލްގައި އެކަން އިސްތިއުނާފުކުރަން އީމެއިލްކުރި ނަމަވެސް އެ އީމެއިލަށް ޖަވާބެއް ނުލިބުނު ކަމަށާއި އޭގެ ފަހުން މާލެ އައިސް 16 ވަނަ ދުވަހު ހެދުނު އެ ސިޓީ ސްޕޯޓްސް ކައުންސިލާ ހަވާލުކުރި ކަމަށެވެ. އިއްތިފާގަކުން ނަމަވެސް އެ ދުވަހު ސްޕޯޓްސް ކައުންސިލް އުވާލައި ސަރުކާރުން އެ ކައުންސިލަށް ގެންނަން ނިންމާފައިވާ ބަދަލުތައް ގެނައުން ވަނީ އަވަސްކޮށްފަ އެވެ. އެކަމަކު ލަތީފު މިއަދު ތުހުމަތުކުރެއްވީ އެ ދުވަހު ސްޕޯޓްސް ކައުންސިލް އުވާލީ އޭނާ ވީއޭއެމްގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކަމަށެވެ.

"ތުހުމަތު ކުރަނީ މި މައްސަލަ ސްޕޯޓްސް ކައުންސިލަށް ދިޔައީމާ ކަމަށް ސްޕޯޓްސް ކައުންސިލް އުވާލީ. އެހެން އަޅުގަނޑު ގަބޫލުކުރަނީ،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްގު ހޯދުމަށް މަސައްކަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށާއި ބޭނުންވަނީ ފަށާފައިވާ އިސްލާހީ އެޖެންޑާގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ކުރިއަށް އޮތް ނުވަ މަސް ދުވަހުގެ ތެރޭގައި އަވަސް އިންތިހާބެއް އޭނާގެ ދައުރުގައި ބާއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލަތީފު ދެއްވި އެވެ.

"ދިވެހިރާއްޖޭގައި ވެސް އެންމެ ފުރަތަމަ އެ އޮތީ ސްޕޯޓްސް ކައުންސިލަށް ލާފައި. ދެން އަނެއް މަރުހަލާ އަކީ ކޯޓު. ސުޕްރީމް ކޯޓާ ހިސާބުން ގެ އަށް ވަންނަން ޖެހުނީމަ ދާނީ. އެހެންނޫނިއްޔާ މަސައްކަތްކުރާނަން ހައްގު ހޯދަން ގަނޫނީ އިމުގެ ތެރެއިން. މީގެ އެއްވެސް ބަޔަކާ ރުޅިވެރިކަމެއް ނެތް،" ލަތީފް ވިދާޅުވި އެވެ.

ސްޕޯޓްސް ކޮމިޝަނަރު ބޮޑުހީނާ އެކުލަވާލި ވޮލީގެ އިންޓަރިމް ކޮމިޓީގައި ހިމެނެނީ ކޮމިޓީގެ ރައީސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރަައީސް އަބްދުﷲ އާމިރު (އައްލޯ) އާއި ކޮމިޓީގެ ނައިބު ރައީސްއަކަށް އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މިހާރުގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާ އެވެ.

ލަތީފު ވިދާޅުވީ އިންޓަރިމް ކޮމިޓީގެ މެމްބަރުންނާއި އޮލިމްޕިކް ކޮމިޓީ އާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް އުއްމީދުކުރަނީ އެފްއައިވީބީ އަށް އޮލިމްޕިކް ކޮމިޓީން މައުލޫމާތު ހިއްސާކުރާނީ އެއްވެސް ފަރާތަކަށް ބުރަނުވެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރާނަން ދިވެހި ރާއްޖޭގެ ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ނުހިނގާހާ ހިނދަކު ކަމެއް ހިނގައިފިޔޭ ކިޔާފައި ދޮގު މައުލޫމާތު ބޭރުގެ ޖަމިއްޔާއަކަށް އޮލިމްޕިކް ކޮމިޓީން ދީފާނެ ކަމަށް. އެ ބައެއްގެ އިންޓެގްރިޓީ ހިފަަހައްޓާނީ އެ ބަޔަކު. އެހެންވީމާ އަޅުގަނޑު ދުލެއް ނުކުރާނަން މި މައްސަލަ އެފްއައިވީބީން ނުވަތަ އައިއޯސީ (އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ) އިން ބަޔަކު މާލެ އަށް އައިސްގެން އެ މީހުން ބެލީމައި ނޫނީ ދެން،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ހައްގު ދިފާއުކުރަން އެފްއައިވީބީ އާއި އެ ނޫން ވެސް ބޭރުގެ އެކި ފަރާތްތަކަށް މައުލޫމާތު ހިއްސާކުރި ކަމަށެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި މި ހަފްތާ ތެރޭގައި އެފްއައިވީބީ އަށް ޖަވާބުދާރީވާން އޮލިމްޕިކް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި ތިން ވަނަ ދައުރަކަށް މުހައްމަދު ރިޔާޒް އިންތިހާބުވެވަޑައިގެންވެފައި ވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން އިންތިޚާބު ކެންސަލްކުރި އެވެ. ލަތީފަށް ވީއޭއެމްގެ ރައީސްގެ މަގާމު ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ. ލަތީފުގެ ދައުރުގައި އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ މަގާމުތަކުގައި މީހުން ހަރުނުލުމެވެ. ލަތީފުގެ ލީޑަޝިޕްގައި މަސައްކަތްކުރި ގިނަ ފަރާތްތަކަކުން ވަނީ އިސްތިއުފާދީފަ އެވެ.

ލަތީފު މިއަދު ވިދާޅުވީ ކަންތައްތައް ގޯސްވީ އޭނާގެ ދައުރުގުގައި ސީނިއާ ނައިބު ރައީސް އަހުމަދު ރަނޭޝް (ރަނޭ) އާއި 2017 ވަނަ އަހަރުގެ ޖެނެރަލް ސެކްރެޓަރީ އާއި ޓެކްނިކަލް ޑިރެކްޓަރު އަދި ގައުމީ ޓީމުގެ ހެޑް ކޯޗަކަށް މަސައްކަތްކުރި މުހައްމަދު ޝަރަފް އެސޯސިއޭޝަނުން އިސްތިއުފާ ދިނުމަށް ފަހު ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރައިގެން ކަމަށެވެ.

"އެއްގޮތަަކަށް ވެސް ގަބޫލެއް ނުކުރަން ވޮލީގައި ދިމާވެގެން މި އުޅެނީ ސިޔާސީ މައްސަލައެއް ކަމަށް. ވޮލީގައި ދިމާވެގެން މި އުޅޭ މައްސަލަ އަކީ ވޮލީ އާއިލާ ތެރޭގައި ޖެހިގެން އުޅޭ މައްސަލައެއް. ތަކުރާރުކޮށް ވާހަކަ ދައްކައިގެން ވެސް ޒިންމާ އަދާނުކޮށް އިސްތިއުފާ ދީފައި ދެން މި ބަލަނީ އެހެން ގޮތަކަށް މަގާމަށް އާދެވޭތޯ. އަޅުގަނޑު ގަބޫލެއް ނުކުރަން މި މީހުންނަކީ ވޮލީގެ ކަންތައްތައް ހައްލުކުރަން އުޅޭ ބައެއް ކަމަކަށް. މި ދެ ބޭފުޅުން ނުކުމެ ވޮލީގެ އިސް ބޭފުޅުން އެއްކޮށްފައި އަޅުގަނޑުމެންނާ ބެހޭގޮތުން ފިތުނަ އުފެއްދި ހިސާބަކީ ވޮލީގެ މަސްލަހަތު ގެއްލުނު ހިސާބު،" ލަތީފު ވިދާޅުވި އެވެ.

ސަރުކާރާއި ވީއޭއެމްއާ އޮތް ގުޅުން ހީނަރުވެގެން ދިޔައީ އެންމެ ފަހުން ވޮލީ އާއިލާ ތެރެއިން ބަޔަކު ގޮސް ހަގީގަތާ ހިލާފު ވާހަކަތަކެއް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަމަައަށް ގެންދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ޓީމެއް ހަދައިގެން ގޮސް މިނިސްޓަރާ ބައްދަލުކޮށް އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލުކުރި ފޮޓޯތަކެއް ވެސް ފެނިގެންދިޔަ. މިއީ ސިޔާސީ ކަމެއް ނޫން. އަޅުގަނޑުމެން ވަނީ ފްރޭމްކޮށްފައި. ހަގީގަތް ގަބޫލުކުރާ ނަމަ މިނިސްޓަރު ވެސް އަޅުގަނޑުމެން ބަލައިގަންނާނެ. އަދި އެހެން ސިޔާސީ ފަރާތްތަކުން ވެސް އަޅުގަނޑުމެން ބަލައިގަންނާނެ،" ލަތީފު ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި އެކްޓިން ސްޕޯޓްސް މިނިސްޓަރުކަން ދުވަސްކޮޅަކު ކުރެއްވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ އެކު ގިނަ މަސައްކަތްތަކެއް މީގެ ކުރިން ވެސް ކުރެވުނު ކަމަށް ލަތީފު ވިދާޅުވި އެވެ. އޭނާ ވަނީ ކަންތައްތައް ހައްލުވެގެން ކުރިއަށްދިއުމުގެ ފުރުސަތު ލިބިއްޖެނަމަ މި ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒުކުރުމަށް އެންމެ ކުރީގައި ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ވިދާޅުވީ މިހާރު މި ހިނގަމުންދާ ކަންތައްތަކުގެ ގޯސް އަސަރު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރާ ވޮލީ ޓީމުތަކަށް ކުރާނެ ކަމަށެވެ.