08 ޖުލައި 2019 - 07:35

އިންޑިއާގެ މަޝްހޫރި ފިލްމު/މިއުޒިކް ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ހަގު އަންހެން ދަރިފުޅު ކުޝާލީ ކުމާރު ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.
ކުޝާލީ އަކީ އާއިލީ ކުންފުނި މިހާރު ހިންގެވުމާ ހަވާލު ހުރި ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ހަގު އަންހެން ކޮއްކޮ އެވެ. އެ އާއިލާގައި ދެން ހުންނަނީ ލަވަކިޔުންތެރިޔާ ތުލްސީ ކުމާރެވެ.
ކުޝާލީ، 27، ބޮލީވުޑަށް ނުކުންނަން ނިންމި އިރު، އޭނާ މީގެ ކުރިން ބައެއް ވީޑިއޯ ލަވަތައް ވެސް ކުޅެފައިވެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކުޝާލީގެ އަލަތު ފިލްމު ވެސް ޓީ ސީރީޒުން ޕްރޮޑިއސް ކުރާ އިރު، އޭގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުނަމްއާ އެކު ވަރަށް ގިނަ ފިލްމުތަކެއްގައި އެސިސްޓެންޓް ޑައިޓަރެއްގެ ގޮތުގައި މަސައްކަތްކުރީ އަޝްވިން މަނީ އެވެ. އަދި މި ފިލްމުވެގެން ދާނީ އޭނާގެ ވެސް އަލަތު ފިލްމަށެވެ.
ފިލްމުގެ ނަމާއި އޭގެ ޕްލޮޓާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައި ނުވިޔަސް، ކުޝާލީއާ އެކު ބަތަލުގެ ރޯލް ކުޅެން "3 އިޑިއަޓްސް" ފަދަ ބޮލީވުޑްގެ ފިލްމުތައް ކުޅުނު ސައުތުގެ އެކްޓަރު އާރް މަދަވަން އަށް ވަނީ ހުށަަހަޅައިފަ އެވެ.
ކުޝާލީ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ޓީ ސީރީޒުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އާއިލީ މީހަކު ތައާރަފު ކުރަން އެ ކުންފުނިން ގެނެސްދޭ ފިލްމު ޔަގީނުން ވެސް ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ. ހަންގާމާ އިން ބުނީ ވަރަށް އަވަހަށް ކުޝާލީގެ ފިލްމު އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ޔޫޓިއުބްގެ ދުނިޔޭގެ ރެކޯޑް ވެސް އޮތް ޓީ ސީރީޒުން އަންނަނީ ގުލްޝަން ކުމާރުގެ ބައޮގަރްފިކަލް ޑްރާމާއެއް ވެސް ހަދަން ތައްޔާރުވަމުންނެވެ. އެ ފިލްމުގެ ނަމަކީ "މޮގުލް" އެވެ.