ލަފާ ހޯދަނީ ކެޓްރީނާ ކެއިފްގެ ގާތުން: ޕަރިނީތީ ޗޯޕްޅާ
ލަފާ ހޯދަނީ ކެޓްރީނާ ކެއިފްގެ ގާތުން: ޕަރިނީތީ ޗޯޕްޅާ

ހިޔާލު އުފެދޭ ކަހަލަ ކަމަކާ ދިމާވެއްޖެ ނަމަ އެކަމަކާ ބެހޭ ގޮތުން ލަފާ ހޯދަނީ ބަތަލާ ކެޓްރީނާ ކެއިފްގެ ގާތުން ކަމަށް ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

އަންނަ މަހުގެ 2 ގައި ރިލީޒްކުރާ "ޖަބަރިޔާ ޖޯޅީ" ގެ ޕްރޮމޯޝަނުގެ ތެރެއިން ފޭނުންނާ އެކު ކުރިއަށް ގެންދިޔަ ޓްވިޓާގެ ސުވާލު ޖަވާބު ސެޝަނެއްގައި ޕަރިނީތީ ބުނީ ކެޓްރީނާގެ ގާތުން ކޮންމެ ކަމަކާ ގުޅޭ ގޮތުން ވެސް އެންމެ ފުރިހަމަ ލަފާ ލިބޭނެ ކަމަށެވެ. އެހެންވެ އޭނާ އަށް އަބަދު ވެސް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށް، ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބެއިންގެ ދެދަރި ބަތަލާ ބުންޏެވެ.

ކެޓްރީނާގެ ގާތުން ލަފާ ހޯދާ ކަމަށް ޕަރިނީތީ ބުނީ ފޭނަކު ކެޓްރީނާ ސިފަކޮށް ދޭން އެދުމުންނެވެ.

މީގެ ކުރިން ބައެއް އެހެން ތަރިން ވެސް ކެޓްރީނާ އަކީ ކަންކަމާ ގުޅޭ ގޮތުން މޮޅެތި ހިޔާލުތަކާއި ލަފޭ ދޭ މީހެއް ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަނުޝްކާ ޝަރުމާ ހިމެނެ އެވެ.

ބޮލީވުޑްގެ އެންމެ ލޫޅާފާތި އަދި އެންމެ ރީތި އެއް ހަށިގަނޑުގެ ވެރިޔާ ކެޓްރީނާގެ ކައިރިން ގިނަ ތަރިން ލަފާ ހޯދާ އެއް ކަމަކީ އޭނާ ފިޓްނެސް ދަމަހައްޓާ ގޮތާއި ޑައިޓް ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން ނަށަން ވެސް މޮޅު ކެޓްރީނާގެ ކައިރިން ބައެއް ތަރިން ނެށުމާ ގުޅޭ ޓިޕްސް ވެސް ހޯދާ ކަމަށްވެ އެވެ.

ދެހާސް އެގާރައިގައި ފިލްމު ކުޅެން ފެށި އިރު، ވަރަށް ފަލަކޮށް ހުރި ޕަރިނީތީ މިހާރު ހުރި ލޫޅާފަތި ބައްޓަމަށް އަންނަން ވެސް ކެޓްރީނާގެ ލަފާ ހޯދާފައިވާ ކަމަށްވެ އެވެ.