08 ޖުލައި 2019 - 16:05

ސެންޓާ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ 40 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.

ސީއެޗްއެސްއީގެ އަހަރީ ދުވަހާ ގުޅިގެން ހެންވޭރު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އަދި އެ ސްކޫލްގެ ކުރީގެ ދަރިވަރު ޑރ. އައިޝަތު އަލީ އެވެ. އެ ސްކޫލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް މިއަދު ފެށި ނަމަވެސް، އެ ސްކޫލުގެ އަހަރީ ދުވަހަކީ ޖުލައި 3 އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަހަރީ ދުވަސް ފަދަ މުނާސަބާތައް ފާހަގަކުރަނީ ސްކޫލްގައި ހިމެނޭ އެންމެންގެ ގުޅުން ބަދަހިކުރަން ކަމަށެވެ. އަދި އެކަމަނާ ކިޔެވި ދުވަސްވަރު ސީއެޗްއެސްއީގައި ކިޔަވައިދިން ޓީޗަރުންނާއި ޕްރިންސިޕަލް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވުމުން، އެކަމާ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސީއެޗްއެސްއީގެ މުސްކުޅި ދަރިވަރުންނާއި ޓީޗަރުން ބައިވެރިވި މި ހަރަކާތުގައި އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ހާއްސަ ކޭކެއް ފެޅި އެވެ. އަދި އެ ސްކޫލުގެ ހައުސްތަކުގެ މެދުގައި ހާއްސަ ޗިއަލީޑިން މުބާރާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރަކު އެ ސްކޫލުގައި ކިޔަވާ ފުރަތަމަ އަހަރުކަމަށް އެ ސްކޫލުގެ ލީޑިން ޓީޗަރު ނާހިދާ މުހައްމަދު ވިދާޅުވި އެވެ. އަދި އެ ސްކޫލުގެ ދަރިވަރު މުހައްމަދު ރައިޝާން އަހުމަދު އަށް މިއަދު ރިވެލި އެވޯޑެއް ލިބުމުން، އެ ރަސްމިއްޔާތުގައި އެކަން ފާހަގަކުރެއްވި ކަމަށް ވެސް ނާހިދާ ވިދާޅުވި އެވެ.
އެ ސްކޫލްގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބާއާ ގުޅޭ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ނާހިދާ ވިދާޅުވި އެވެ. އެގޮތުން ހާއްސަ ޕެރޭޑެއް މި މަހުގެ 19 ވަނަ ދުވަހު ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީއެޗްއެސްއީ ނުވަތަ ކުރީގެ ސައެންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ) ރަސްމީކޮށް 1979 ވަނަ އަހަރު ހުޅުއްވައިދެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ. އެންމެ 49 ދަރިވަރުންނާއި ހަތަރު ޓީޗަރުންނާ އެކު އެ ސްކޫލު ފެށި ނަމަވެސް، މިހާރު އެ ސްކޫލުގައި 1،500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ. އަދި އެ ސްކޫލުގައި 90 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައިދެ އެވެ.