13 ޖުލައި 2019 - 12:18

މިލާން (ޖުލައި 13) – އިންޓަ މިލާނުގެ އިޓަލީގެ ޒުވާން މިޑްފީލްޑަރު ނިކޯލޯ ބަރެއްލާގެ ސޮއި ހޯދާފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ ލިބިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ކަލިއާރީ އަށް ކުޅެމުން އައި އިޓަލީ ގައުމީ ޓީމުގެ ބަރެއްލާގެ ސޮއި އިންޓަ އިން ހޯދީ 10 މިލިއަން ޔޫރޯގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެއް އަހަރަށް ފަހު ކޮންޓްރެކްޓް ދާއިމީ ކުރަން 40 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ އެވެ.
އިންޓަ އިން ކުޅުންތެރިން ހޯދަމުން އަންނަނީ އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭނުގެ ދަށުންނެވެ. އޭނާ ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިޔާ މެންޗެސްޓާ ޔުނައިޓެޑުގެ ބެލްޖިއަމް ފޯވާޑް ލުކާކޫ އެވެ. އެކަމަކު އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލުކާކޫ އިންޓަ އަށް ދިއުމުގެ ފުރުސަތު ކުޑަ އެވެ.
އާ ސީޒަނަށް އުރުގުއޭގެ ތަޖުރިބާކާރު ޑިފެންޑަރު ޑިއެގޯ ގޮޑިން ގެނެސްފައިވާ އިންޓަ އިން މިހާތަނަށް ލުކާކޫ އަށް ބިޑެއް ނުކުރެ އެވެ. ޔުނައިޓެޑުން އޭނާ ވިއްކާލާނީ މީގެ ދެ އަހަރު ކުރިން އޭނާ ގަންނަން ހޭދަކުރި 75 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އުމުރުން 26 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓުގައި ބާކީ ތިން އަހަރު ވެސް އޮތުމާ އެކު، އެއަށް ވުރެ އަގު ކުޑަކުރަން ޔުނައިޓެޑުން އެއްބަސްވާނެ ކަމަށް ނުބެލެވެ އެވެ.
އިންޓަ އިން އެވަރުގެ ހޭދައެއް ކުރާނެ ކަމަށް ނުބެލެވެ އެވެ. ކުރެވެން އޮންނާނީ ވެސް އިތުރު ކުޅުންތެރިންތަކެއް ވިއްކާލައިގެންނެވެ. ޔުއެފާ ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދުގެ ދަށުން އިންޓަގެ މާލީ ކަންކަން ޔުއެފާ އިން މޮނިޓާކުރަމުން އައި ކުރުން ހުއްޓާލާފައިވީ ނަމަވެސް އިންޓަ އަދިވެސް ހޭދަކުރުމުގައި ސަމާލުވާން ޖެހެ އެވެ.
އިޓާލިއަން ލީގަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފައިވާ ލުކާކޫގެ ކުޅުމުގެ ސްޓައިލް އެ ލީގާ ގުޅޭނެ ކަމަށް ބެލެވެ އެވެ. މެންޗެސްޓާ ޔުނައިޓެޑުގައި މިދިޔަ ސީޒަނުގައި ފޯމް ދަށްވި ނަމަވެސް ލުކާކޫ ވަނީ އެ ޓީމަށް 96 މެޗުން 42 ގޯލް ޖަހައިދީފަ އެވެ.
އިންޓަ އިން ސެންޓަ ފޯވާޑެއް ބޭނުންވަނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ ވިއްކާލަން ނިންމާފައިވާތީވެ އެވެ. މިދިޔަ ސީޒަނުގައި ކޮންޓްރެކްޓް އާކުރުމުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އޭނާ އަތުން އެ ޓީމުން ވަނީ ކެޕްޓަން ބޭންޑް ނަގައިފަ އެވެ.