ވަގަށް ނެގި ސައިކަލެއް ގެންގުޅުނު މީހަކު އެއް އަހަރަށް ޖަލަށް
ވަގަށް ނެގި ސައިކަލެއް ގެންގުޅުނު މީހަކު އެއް އަހަރަށް ޖަލަށް

މީހެއްގެ ސައިކަލެއް ގެއްލިފައިި ވަނިކޮށް އެ ސައިކަލު ގެންގުޅުނު މީހަކު ކުށްވެރިވާ ކަމަށް ނިންމައި، އެ މީހާ އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހދ. ހިރިމަރަދޫ ސީޒަން، މުހައްމަދު ޝިމާޒު އެއް އަހަރާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލާން މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މެއި މަހު މާލޭގައި ސައިކަލެއް ގެއްލިފައި ވަނިކޮށް އެ ސައިކަލު އޭނާގެ އަތުން ފެނުނު މައްސަލައިގަ އެވެ.

ކޯޓުގެ ހުކުމުގައި ވަނީ އެ ސައިކަލު ޝިމާޒްގެ އަތުން ފެނުނު ކަމަށް އޭނާ އެއްބަސްވެފައިވާތީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށެވެ.

އާ ގާނޫނުލް އުގޫބާތު ބުނާ ގޮތުން ވައްކަން، ޓެކުން، މަކަރާއި ހީލަތް ހެދުން ނުވަތަ ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ މުދަލަކީ އިންޖީނުލީ އެއްޗެއް ނަމަ އެ ކުށަކަށް ދެވޭ އަދަބު ބޮޑުވާނެ އެވެ.