10 ސެޕްޓެމްބަރ 2016 - 14:25

މުމްބާއީ (ސެޕްޓެމްބަރު 10) - އިންޑިއާގެ މުމްބާއީގެ ރޭލް ސްޓޭޝަނެއްގައި އަންހެނެއްގެ މޫނަށް އެސިޑް ޖެހި މީހަކު މަރަން ހުކުމްކޮށްފި އެވެ.
މީގެ ތިން އަހަރު ކުރިން ހިނގި ހާދިސާގައި އުމުރުން 23 އަހަރުގެ ޕްރީތީ ރާތީގެ މޫނަށް އެސިޑް ޖެހީ ނިއު ދިއްލީގައި ހުރެފައި މުމްބާއީ ނޭވީގެ ނަރުހެއްގެ ވަޒީފާ އަށް ދިޔަ އަންހެނަކަށެވެ. އޭނާ ގަޔަށް އެސިޑް ޖެހީ އަވަށްޓެރިއެއް ކަމަށްވާ އަންކޫރު ޕަންވާރެވެ. އޭނާ މިކަން ކުރީ ކައިވެންޏަށް ދެކޮޅު ހެދުމުން ކަމަށްވެ އެވެ.
މިއީ އިންޑިއާގައި އެސިޑް ޖަހައިގެން މިހާ ބޮޑު ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ. މި ބާވަތުގެ ގިނަ މައްސަލަތައް ހުށަހެޅި ނަމަވެސް ކުރިން ނިމިފައި ވަނީ އަދަބެއް ނުލިބި އެވެ. ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާގައި އެސިޑް ޖެހުމުގެ އެތައް ހާދިސާއެއް ކޮންމެ އަހަރަކު ވެސް ހިންގަ އެވެ.
ޕަންވާރު، 25، ގެ މައްޗަށް ހުކުމްކުރީ މުމްބާއީގެ ޚާއްސަ ކޯޓަކުންނެވެ. އޭނާގެ މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ބެލެވެ އެވެ.
މެއި 2، 2013 ގައި ދިން އެސިޑް ހަމަލާގައި ރާތީގެ މޫނަށް ވަރަށް ބޮޑަށް ގެއްލުން ލިބި ފުއްޕާ މެއި ވެސް ވަނީ ހަލާކުވެފަ އެވެ. އޭނާ މަރުވީ އެސިޑް ޖެހިތާ މަހެއްހާ ދުވަސް ފަހުންނެވެ. ރާތީގެ މަރަށް ފަހު އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ އެސިޑް ވިއްކުން ގާނޫނެއްގެ ތެރެއަށް ފެއްތުމަށް ސްޓޭޓްތަކަށް އަންގައިފަ އެވެ. މި ގޮތުން އެސިޑް ވިއްކޭނީ ސައްހަ އައިޑީ ކާޑެއް ދައްކާ މީހުންނަށެވެ. އެކަމަކު މިހާރު ވެސް ފަސޭހަ އިން އެސިޑް ލިބެން ހުންނަ ކަމަށްވެ އެވެ.