އީދު ފާހަގަކުރަން އިސްލާމިކް މިނިސްޓްރީން ހަރަކާތްތަކެއް ހިންގަނީ
އީދު ފާހަގަކުރަން އިސްލާމިކް މިނިސްޓްރީން ހަރަކާތްތަކެއް ހިންގަނީ

އަންނަ އަޟްހާ އީދު ފާހަގަކުރަން އިސްލާމިކް މިނިސްޓްރީ އާއި އަމިއްލަ ޖަމިއްޔާތަކެއް ގުޅިގެން ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ އިތުރުން މިފަހަރުގެ އީދާ ގުޅިގެން އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ރަސްފަންނުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް، ބަލި މީހުންނަށް ހަދިޔާ ބަހަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ޒިޔާރަތްކޮށް، އެތަނުގައި ތިބި ކުދިންނަށް ވެސް ހަދިޔާ ބަހަން ވެސް ވަނީ ނިންމައިފަ އެވެ.

މި ފަހަރުގެ އީދުގައި އުޟުހިޔާ ކަތިލުމުގެ އިންތިޒާމް ވެސް ހަމަޖައްސަން އުޅުނެވެ.

"އެކަމަކު ކަން ދިމާވި ގޮތުން އެ އިންތިޒާމް ހަމައެއް ނުޖެހުނު. އެކަމަކު ކުރިއަށް އޮތް އީދުތައް މިއަށް ވުރެ ވެސް ކުލަގަދަކޮށް ފާހަގަކުރަން މަސައްކަތް ކުރާނެ،" އަހުސަން ވިދާޅުވި އެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ވިލިމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރުން ވިލިމާލޭ ބޯޅަ ދަނޑުގައި އޮންނަ އިރު ހުޅުމާލޭގައި ބޮޑު ޖަމާއަތް އޮންނަނީ ސެންޓްރަލް ޕާކުގަ އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އަދި ހުޅުލެ ހިމެނޭ ގޮތަށް ބޮޑެތި މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެ އެވެ.