29 މެއި 2016 - 14:24

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ އަންނަ ހަފުތާގައި މަޖިލިސް ފެށުމަށް ތައްޔާރުވި ނަމަވެސް ވަކި ތާރީހެއް ކަނޑައަޅާފައިނުވާ ކަމަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 20 ގަ އެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގައި ގިނަ ބިލުތަކަކާއި އިސްލާހުތަކެއް ފާސްކޮށްފައިވެ އެވެ. އިދިކޮޅު މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ގިނަ ބިލުތަކަކާއި އިސްލާހުތައް ފާސްކުރީ ވަކި ބަޔަކަށް އަމާޒުކޮށް ސަރުކާރުން ބޭނުންވާ ގޮތަށެވެ.
ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވެފައި ވަނީ އެއްވެސް އިސްލާހެއް ނުވަތަ ބިލެއް ފާސްކުރުމުގައި ވަކި ބަޔަކަށް ގެއްލުން ދިނުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅައި ކަންކަމަށް ބަދަލު ނުގެނެސް ފާސްކުރަނީ ރާއްޖެ ތަރައްގީ ކުރުމުގެ ބޭނުމުގައި ކަމަށް މެމްބަރުން ވިދާޅުވެ އެވެ.