20 ސެޕްޓެމްބަރ 2016 - 08:29

ޓީޗަރަކަށް އުޅުނުއިރު ލިބޭ ޗުއްޓީގައި އޭނާ ވަންނާނީ ކޮންމެވެސް ގެސްޓް ޝޮޕަކަށެވެ. ނޫނީ ފެންނާނީ ކޮންމެވެސް ތާރީހީ އިމާރާތެއް ވަށައި އެނބުރެނިކޮށެވެ. ކުރާނެ އިތުރު ކަމެއް ނެތިގެންނެއް ނޫނެވެ؛ ޝައުގުވެރިވާ ދާއިރާ އިން ކުރިއަށް ދާން ހިތުގައި ބިންވަޅު ނެގިފައި އޮތްލެއް ބޮޑުކަމުންނެވެ. އެއީ މާޒީ އެވެ.

އެކި މީހުން މިހާރު ތައުރީފް އޮއްސަނީ އޭނާގެ ކުޅަދާނަ ހުނަރަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ މިސްކިތްތަކުގައި ގުރުއާނުގެ އާޔަތްތައް އެކި ޑިޒައިނަށް ލިއެ، ގެނެސްދިން ރީތިކަމަކީ ފަރުހާދު އިބްރާހިމްގެ މަސައްކަތެވެ. އާޓްސްގެ ދާއިރާ އަށް އޮތް ލޯބި އޭނާ ސާބިތުކޮށްދިނީ ކެލިގްރަފީ އާއި ޑިޒައިންކުރުމުންނެވެ.

މިސްކިތްތަކުގެ މުންނާރާއި މިހުރާބުގެ އާއި ފާރުތަކުގައި ގުރުއާނުގެ އާޔަތްތައް ލިއުމުގެ އިތުރުން ވެސް މި ދާއިރާއާ ގުޅުން ހުރި އެތައް މަސައްކަތެއް އޭނާ ކުރެ އެވެ. އަރަބި ބަހުގައި އޮންނަ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ރީތިކޮށް ލިއުމަކީ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގައި އެ ފަންނުގެ މަދު ހުނަރުވެރިންގެ ތެރޭގައި ފަރުހާދު ހިމެނެ އެވެ.

ކެލިގްރަފީއާ އެކު ޑިޒައިންކުރުމުގައި ވެސް އޭނާ ކުޅަދާނަ އެވެ. މި ރޮނގުން ވެސް އޭނާ އަތްނުލާ މަސައްކަތެއް ނެތެވެ. ޓީވީ ޗެނަލްތަކުގެ އެކި ޕްރޮގްރާމްތަކުގެ ސެޓްތައް ތައްޔާރުކޮށްދެ އެވެ. ޓީވީއެމާއި ވީޓީވީގެ ވެސް ގިނަ ސެޓްތަކެއް ހެދުމުގެ އިސް ފަންނުވެރިޔަކީ ފަރުހާދެވެ. ކުރިން ރާއްޖޭގައި ދެމުން އައި ކުޅިވަރުގެ މަޝްހޫރު އެވޯޑް "ހަވީރު" ސްޕޯޓްސް އެވޯޑްސްގެ ބައެއް ހަފުލާތަކަށް ވެސް އޭނާ ވަނީ ސްޓޭޖް ތައްޔާރުކޮށްދީފ އެވެ. ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާތަކާއި ކައިވެނި ހަފުލާތަކަށް ޒީނަތްތެރިކުރުމާއި ކަލަންޑަރު ހެދުން ފަދަ އެތައް ކަމެއް ވެސް، ފަރުހާދުގެ މަސައްކަތު ލިސްޓްގައި ހިމެނެ އެވެ.

މި ދާއިރާގެ ތެރެއަށް ފަރުހާދު ވަނީ މާ ގިނަ ތަމްރީނުތަކެއް ލިބިގެންނެއް ނޫނެވެ. އެކަމަކު އާޓްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ މީހުންގެ އެހީތެރިކަން ހޯދައި އަމިއްލަ އަށް ކަންކަން ދަސްކުރި އެވެ.

"އެ މަރުހަލާގައި، ބައެއް މީހުންގެ މަސައްކަތުގައި އަޅުގަނޑު ބައިވެރިކުރި. މިއީ އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ފުރުސަތެއް،" ފަރުހާދު، 39، ބުންޏެވެ.

ތައުލީމީ ދާއިރާގައި އޭނާ މަސައްކަތް ފެށީ ނޭކުރެންދޫ ސްކޫލްގައި ދިވެއްސާއި އިސްލާމް އިތުރުން އާޓްސް ކިޔަވައި ދިނުމުގެ ތެރެއިންނެވެ. މާލެ ބަދަލުވުމުން އާޓްސް މާއްދާ ޖެހުނީ ދޫކޮށްލާށެވެ. އެކަމަކު ރަށުގައި ވަޒީފާއަދާ އިރު ވެސް ލިބޭ ހުސް ވަގުތުތަކުގައި ކެލިގްރަފީގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުނެވެ. އެ މަސައްކަތް އެންމެ ފުރަތަމަ އާއްމުކުރީ ރަށުގެ ރައްޔިތުންނަށް ދިން ރޯދަ ހަދިޔާއަކުންނެވެ.
"ހަދިޔާއެއްގެ ގޮތުގައި ގުރުއާން ސީޑީތަކެއް ހިލޭ ބަހަން ނިންމީ. އަޅުގަނޑު ބޭނުންވީ އެ ސީޑީގެ ކަވަރުގައި ގުރުއާން އާޔަތްތަކެއް ލިޔަން. އެހެންވެ އަތުން ސީޑީގެ ކަވަރު ލިއެފައި ސްކޭންކޮށްގެން ބޭނުންކުރީ. ދެން އެ މަސައްކަތް ކާމިޔާބުވީ. އެއީ ކެލިގްރަފީގެ ފެށުން،" ފަރުހާދު ބުންޏެވެ.
ރަހުމަތްތެރި ޓީޗަރުންނަށް އޭނާގެ ހުނަރު އެނގުމުން އެކަމާ ބެހޭ ފޮތްތައް ވެސް އޭނާ އަށް ހަދިޔާކުރި އެވެ. ދެން ދަސްކުރީ އަރަބި އަކުރު އަޅަން ޖެހޭ ގޮތުގެ ގަވާއިދުތަކެވެ. ގަވާއިދުތަކާ އެއްގޮތަށް އަމިއްލަ އަށް ބައެއް ލިއުންތައް ތައްޔާރުކުރަނިކޮށް ދެން ލިބުނީ "ރަނުގެ ފުރުސަތެކެ"ވެ.
"ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން އިއުލާންކުރީ ހއ. އުތީމު ގަނޑުވަރު ކައިރީ ހަދާ މިސްކިތުގެ އެތެރޭގެ ލިއުންތައް ތައްޔާރުކޮށްދޭން. އަޅުގަނޑު އެއަށް ކުރިމަތިލައި އަޅުގަނޑުގެ ލިއުންތައް ހުށަހެޅީމަ ބިޑް ކާމިޔާބުވީ އަޅުގަނޑަށް،" ފަރުހާދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރާއްޖޭގެ އިސްލާމީ މަރުކަޒު ފިޔަވައި ދެން އެންމެ ގިނަ ލިއުންތައް އޭރު ލިޔަން ޖެހުނީ އުތީމުގައި އެޅި ބޮޑު މިސްކިތުގަ އެވެ.
"އަތުން ލިއެފައި މި ޒަމާނުގައި މި ހަދާ ގޮތަކީ ކޮމްޕިއުޓަރަށް އޭތި ނަގަނީ. ދެން އޭގެ މެޝަމެންޓް ފަސޭހަ އިން ނަގާލެވޭ. ކުރީގައި މިހަދާ ގޮތަކީ ބޮޑެތި ގަނޑުތަކުގައި ލިއެފައި ފިލަ އަށް އޭތި ސެޓްކޮށްފައި ނަގަނީ. އެއީ ތަންކޮޅެއް އުނދަގޫ ގޮތަކަށް ވާތީ ޒަމާނީ ކޮމްޕިއުޓަރަށް ބަދަލުކުރަނީ،" ފަރުހާދު ބުންޏެވެ.
"އަމިއްލަ ޑިޒައިނާ އެކު ކޮންމެ އަކުރެއް ވަކިވަކިން ކަފައިގެން ހަރުކުރުން އެއީ ވަރަށް އުނދަގޫ މަސައްކަތެއް، މިއީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް. އެބަހުރި 40 ފޫޓު، 50 ފޫޓުގެ ބޮޑެތި ބޯޑު. އެހެންވީމަ ވަރަށް އުނދަގޫތަކެއް ކުރިމަތިވި އެ މިސްކިތުގެ މަސައްކަތުގައި އެދުވަސްވަރު،" ފަރުހާދު ބުންޏެވެ.
ކެލިގްރަފީގެ ގިނަ ހުށަހެޅުންތައް އޭނާ އަށް ލިބެން ފެށީ އެ މަޝްރޫއުއަށް ފަހު އެވެ. އެހާ ހިސާބުން އޭނާގެ ފެށުން ވެސް ގިނަ ބަޔަކަށް ކަމުދިޔައީ އެވެ. އޭގެ ފަހުން ފެށީ ހއ. އުލިގަމު މިސްކިތުގެ މަސައްކަތެވެ. މާލޭގެ ހުކުރު މިސްކިތާއި އޭގެ މުންނާރު ނަކަލުކޮށް އުލިގަމުގައި ހެދި މިސްކިތުގެ ލިއުންތަކަކީ ފަރުހާދުގެ ހުނަރެވެ.
އެއީ، ފަރުހާދު ބުނި ގޮތުގައި، ތަފާތު އާ ތަޖުރިބާއެކެވެ. މުންނާރުގެ އަކުރުތައް ކަނޑާ ނަގަން ޖެހުނީ ސިމެންތިންނެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ ބޮޑަށް ރިސާޗް މަސައްކަތެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.
ހުކުރު މިސްކިތުގެ މުންނާރުގައި ހުރީ އާއްމުކޮށް އަރަބި ފޮންޓުގައި ހިމެނޭ އަކުރުތަކެއް ނޫނެވެ. އެހެންވެ އެއީ ކޮން ފޮންޓެއްތޯ، އެ ކަނޑާ ނަގާފައި ވަނީ ކިހިނެއްތޯ ފަރުހާދަށް ފުރަތަމަ ޖެހުނީ ދަސްކުރާށެވެ.
ފަހަރަކު އާ ކަމެއް ދަސްކުރަމުން ދިޔަ އެވެ. އެގޮތުން ހުޅުމާލޭގެ އަޒީޒާ މޫސާ މިސްކިތުގެ ލިއުންތައް ތައްޔާރުކުރީ ޕްލާސްޓިކުންނެވެ. އެ މިސްކިތުގެ ލިއުންތަކުގައި އެވަނީ ކަޅު ޕްލާސްޓިކްގައި ލިއުންތައް ލިއުމަށް ފަހު ރަން ކުލައިން ސްޕްރޭ ކޮށްފަ އެވެ.
"މިސްކިތްތަކުގައި ލިއުންތައް ވަރަށް ޒަމާނަށް ބަހައްޓަން ޖެހޭ. މަރާމާތުކުރަން ވެސް ފަސޭހަ ޕްލާސްޓިކުން ހެދީމަ،" ފަރުހާދު ބުންޏެވެ.
މާމިގިލީގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ހެއްދެވި އައިޝާ މިސްކިތުގެ ލިއުންތަކަކީ ވެސް މި ދާއިރާ އިން ފަރުހާދު ފާހަގަކުރާ މަސައްކަތެކެވެ. އަދި އެހާ ބޮޑު މިސްކިތަކަށް ވާތީ ކުރަން ޖެހުނު މަސައްކަތް ވެސް ބުރަކަމަށް އޭނާ ބުންޏެވެ.
މިހާތަނަށް އައިއިރު އެކި ގޮތްގޮތަށް، އެކި ޑިޒައިނަށް ވަރަށް ގިނަ މިސްކިތްތަކެއްގެ މަސައްކަތްތައް ފަރުހާދު ވަނީ ކޮށްފަ އެވެ.
ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަން ފެށިޔަސް އޭނާ މިހާރު ވަނީ އެ ދާއިރާ ދޫކޮށްލައިފަ އެވެ. މިހާރު އޭނާގެ ފުލްޓައިމް މަސައްކަތަކީ ޑިޒައިންކުރުމާއި ކެލިގްރަފީގެ އުފެއްދުންތަކެވެ. އޭނާގެ ހުނަރު އެއް ތަނަކުން އާއްމުންނަށް ދައްކާލަން ވެސް ބޭނުންވެ އެވެ. އެކަމަށް މިހާރު އަންނަނީ މަސައްކަތް ވެސް ކުރަމުންނެވެ.
ފަރުހާދު ބުނި ގޮތުގައި ކަންކަން އިތުރަށް ދަސްކުރުމަކީ ނިމުމެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން ކުރިއަށް އޮތީ ވެސް ދަސްކުރުމާއި ތަޖުރިބާ ހޯދުމާ އެކު، އޭނާގެ ހުނަރު ތަރައްގީކުރުންކަން ގަބޫލުކުރެ އެވެ.
"ކެލިގްފަރީގެ ސްޕެޝަލިސްޓަކަށް ވުމަކީ އަޅުގަނޑުގެ ހުވަފެނެއް،" ފަރުހާދު ބުންޏެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގެ މިސްކިތްތަކުން އެ ހުނަރު މިހާރު އެހެރީ ފެންނާށެވެ.