17 ޖުލައި 2019 - 11:14

ވޮޝިންޓަން (ޖުލައި 17) - އީރާނުގެ ވެރިކަން ބަދަލު ކުރަން އެމެރިކާ އިން މަސައްކަތް ކުރަމުން ނުދާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށް އީރާނުން އަލުން ރުޖޫއަވާނެ ކަމަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައި ވަނިކޮށެވެ. އެމެރިކާ އިން ވަނީ މިދިޔަ އަހަރުގެ މެއި މަހު ނިއުކްލިއާ އެއްބަސްވުމުން ވަކިވެފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
"އެކަމަކު އީރާނުގެ ވެރިން ބަދަލު ކުރަން އެމެރިކާ އިން މަސައްކަތެއް ނުކުރާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ކުރިއެރުން ވެސް ލިބޭ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އީރާން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެއީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުން ނިންމަން މަޖްބޫރުވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ 3.67 ޕަސެންޓުގެ ލިމިޓަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާ ކުރަން ފަށާފައިވާ ކަމަށެވެ.
އީރާނުން ބުނެފައި ވަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އިން އަލުން ރުޖޫއަވެއްޖެ ނަމަ އީރާނުން ވެސް އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.