18 ޖުލައި 2019 - 15:41

ރާއްޖޭގެ އެކި ހިސާބުތަކުގައި ސައިކަލް ވަގަށް ނެގުމުގެ މައްސަލަތައް ހުށަހަޅާ މިންވަރު އިތުރުވަމުންދާތީ އެކަން ހުއްޓުވަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ކުށް ކުރުން މަދު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެށި އޮޕަރޭޝަންގެ ތެރެއިން ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަން ކުރާ މީހުންނަށް ފުރުސަތު ކުޑަ ކުރަން ހާއްސަ މަސައްކަތެއް ކުރާނެ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މަހުގެ އަށް ވަނަ ދުވަހު ފުލުހުން އޮޕަރޭޝަން ފެށި ފަހުން 34 ސައިކަލް ގެއްލިގެން ހުށަހެޅި އިރު، 23 ސައިކަލެއް ވަނީ ހޯދައިފަ އެވެ. މި ސައިކަލްތަކުގެ ތެރެއިން 11 ސައިކަލް ފުލުހުންގެ މަސައްކަތުން ހޯދި އިރު، 12 ސައިކަލް ހޯދީ ވެރިފަރާތުންނެވެ.
އޮޕަރޭޝަން ފެށުމުގެ ކުރިން ގެއްލުނު ނުވަ ސައިކަލެއް ވެސް ހޯދި ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލް ވަގަށް ނެގުން ހުއްޓުވުމާއި ސައިކަލްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސައިކަލްގެ ވެރިފަރާތުން ނުވަތަ އެ ސައިކަލް ދުއްވާ މީހަކު ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ސައިކަލް ޕާކްކޮށްފައި ބަހައްޓާ އިރު، ހުންގާނު ލޮކްކޮށް، ޝަޓަ ލޮކްކޮށްފައި ބެހެއްޓުމާއި ސައިކަލްގައި އެލަމް ލޮކް ހަރު ކުރުމާއި ސައިކަލް ހުރި ލޮކޭޝަން އެނގޭނެ ހެން ޖީޕީއެސް ކަހަލަ ޑިވައިސްއެއް ހަރުކޮށްފައި ބެހެއްޓުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މީގެއިތުރުން ގޮތް ނޭނގޭ މީހުންނާއި ސައިކަލް ހަވާލު ނުކުރުމަށާއި ސައިކަލް ޕާކް ކުރާ އިރު، އެކަހެރިކޮށް ހުންނަ ތަންތަނުގައި ސައިކަލް ޕާކް ނުކުރަން ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ.