22 ޖުލައި 2019 - 19:03

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުން، އެންމެ ފަހުގެ ރަން މެޑަލް ހޯލްޑަރު ހަސަން ސާއިދު މި ފަހަރު ހަތަރު ވަނައިގައި ރޭސް ނިންމާލައިފި އެވެ.

ފުރަތަމަ ބުރުގެ އެންމެ ބާރު ދެ ވަނަ ދުވުންތެރިޔާގެ ގޮތުގައި ފައިނަލަށް ހޮވުނު ސާއިދު ފައިނަލުގައި ދުވެ ލޯ މެޑެއްޔަކާ ވަރަށް ގާތަށް ދިޔަ ނަމަވެސް ސިކުންތެއްގެ ބައިކުޅަބައިގެ ތަފާތުން ހަތަރު ވަނަ އަށް ދިޔައީ އެވެ.

ސާއިދުގެ ޓައިމިން އަކީ 10.78 ސިކުންތެވެ. އޭނާ 2015 ގައި ރަން މެޑަލް ހޯދީ 10.51 ދުވެގެންނެވެ. އޭނާގެ ކުރިން ތިން ވަނަ އަށް ނިންމައި ލޯ މެޑަލް ހާސިލްކުރި ސީޝެލްސްގެ ޝެރީ ޑޮޑިންގެ ޓައިމިން އަކީ 10.77 ސިކުންތެވެ. ރަން މެޑަލް ހޯދީ 10.64 ސިކުންތުން ދުވި މޮރިޝަސްގެ ޖޮނަތަން ބާޑޮޓިއާ އެވެ. ރިހި މެޑަލް ހޯދީ 10.75 ސިކުންތުން ދުވި ސީޝެލްސްގެ ޑީލަން ސިކޯބޯ އެވެ.
ގޭމްސްގެ ފިރިހެނުންގެ 10000 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ހުސެއިން ފަޒީލް ހާރޫން ދިޔައީ ހަ ދުވުންތެރިންގެ ތެރެއިން ފަސް ވަނަ އަށެވެ. އަދި 1500 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ހުސެއިން ރިޒާ ދިޔައީ 11 ދުވުންތެރިން ވާދަކުރި ހީޓުން އަށް ވަނަ އަށެވެ. އެކަމަކު ޕެރެ އިވެންޓުން ރާއްޖޭގެ ލޯފަން ދުވުންތެރިޔާ މުހައްމަދު މާޒިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
ރޭސް ފަށައިގެން 20 މީޓަރަށް ދުވިތަނާ ފައި އެޅުނު ގޮތަކުން މާޒިން އަށް އަނިޔާވެ ކުޑަ ހުއްޓުމެއް އަ އެވެ. އެހެން ނޫން ނަމަ އޭނާ އަށް ރަން ނުވަތަ ރިހި މެޑަލް ލިބުނުގެ ފުރުސަތު ވަރަށް ބޮޑެވެ. މާޒިން ވެސް ބުނީ އުއްމީދުކުރީ ރަން މެޑެއްޔަކަށް ކަމަށާއި އެކަމަކު ނައްޓާލި ވަގުތު އެންކަލަށް އެރި ތަދެއްގެ ސަބަބުން ނުދުވެވުނީ ކަމަށެވެ.
"އެކަމަކު އުއްމީދުކުރަން ހަމަ ގައުމަށް ފުރަތަމަ ފަހަރަށް ބައިވެރިވެ ރަނގަޅު ކާމިޔާބީއެއް ކަމަށް މި ހޯދުނީ،" މާޒިން ބުންޏެވެ.
އަންހެން 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ މަރިޔަމް އަލްހާ ހުސެއިން އާއި ނަޝާ ނިޒާރު ވާދަކުރި އެވެ. އެކަމަކު ފައިނަލުން ޖާގައެއް ނުލިބެ އެވެ. މީގެ ތެރެއިން އަލްހާ ރޭސް ނިންމީ ފުރަތަމަ ހީޓުގެ އަށް ވަނައިގަ އެވެ. ޓައިމިން އަކީ 13.97 ސިކުންތެވެ. އެ ހީޓުގެ އެއް ވަނަ ހޯދީ 12.07 ސިކުންތުން ދުވި މަޑަގަސްކަރައިގެ ނިޖަރަސޯ ކްލައުޑިން އެވެ. ރާއްޖޭގެ ނަޝާ ދިޔައީ ދެ ވަނަ ހީޓުގެ ހަތް ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 13.19 ސިކުންތުންނެވެ. އެ ހީޓުގެ އެއް ވަނަ އަކީ 12.17 ސިކުންތުން ދުވި މަޑަގަސްކަރައިގެ އެލޯޑީ ވަނެއްސާ އެވެ.
ޖެމެއިކާގައި ތަމްރީން ހެދުމަށް ފަހު 2015 ވަނަ އަހަރު ރަން މެޑަލް ހޯދި ސާއިދު މި ފަހުން ތަމްރީންތައް ކުރިއަށް ގެންދިޔައީ މާލެ އާއި އިންޑިއާގަ އެވެ. ސާއިދަށް މި ފަހަރު އަދި އިންޑިވިޖުއަލް މެޑެއްޔެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ މާދަމާ އޮންނަ 200 މީޓަރު ދުވުމެވެ. އޭނާ ވަނީ 2015 ވަނަ އަހަރު އެ އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ.
ސާއިދަކީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހު ދުށް އެންމެ ކާމިޔާބު ދުވުންތެރިޔާ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ އައިއޯއައިޖީން ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ހޯދުމުގެ އިތުރުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދައި ސާއިދު ވަނީ ރާއްޖެ އަށް އޭޝިއާ ފެންވަރުގެ ފުރަތަމަ މެޑަލް ވެސް ހޯދައިދީފަ އެވެ.