29 މެއި 2016 - 17:42

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އައްޑޫގެ މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރިއަށް ނުގެންދާ ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެެވެ.

ކުރިން ކައުންސިލްގެ ދަށުގައި މިސްކިތްތައް ހުރި ނަމަވެސް، މި އަހަރުގެ ޖެނުއަރީން ފެށިގެން މިސްކިތްތައް ވަނީ އަލުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ދަށަށް މިސްކިތްތައް ބަދަލު ކުރުމުން، މި އަހަރު މިސްކިތައް މަރާމާތުކޮށް، އާބާތުރަ ފިލުވުން މާ ރަނގަޅަށް ކުރިއަށް ގެންދާނެ ކަމަށް ގަބޫލް ކުރެވުނު ކަމަށެވެ.
"އެހެން ނަމަވެސް މިހާތަނަށް އައިއިރު، އެ މަސައްކަތެއް ފެށިފައެއް ނެތް. އެކަމާ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. ކައުންސިލްގެ ދަށުގައި މިސްކިތްތައް ހުރި އިރު ރޯދައިގެ ކުރިން މަސައްކަތް ފަށައި މި ހިސާބަށް އަންނަ އިރު ގިނަ މަސައްކަތްތައް ހުންނާނީ ނިމިފައި،" ސޯބެ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިނިސްޓްރީން މިސްކިތްތައް އާބާތުރަ ފިލިވުމުގެ މަސައްކަތް ނުކުރި ނަމަވެސް، އާންމުކޮށް އައްޑޫގެ އަވަށްތަކުގެ ވިޔަފާވެރިން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭ މިސްކިތްތަކުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ސޯބެ ވިދާޅުވީ މިސްކިތްތަކުގައި ދަރުސް ދިނުމާއި ތަރާވީހު ނަމާދު ކުރާ ހާޒިފުންނާއި ސާނަވީ ދަރިވަރުންނަށް އައްޑޫގައި ރޯދަ މަހު ބާއްވަމުން އަންނަ، އިހްޔާ ޕްރޮގްރާމް ވެސް މި އަހަރު ކުރިއަށް ގެންދާނެ ސާފު ނުވާ ކަމަށެވެ.
"މިކަހަލަ މައްސަލަތަކެއް ހުރީމަ ރައްޔިތުން ވެސް ވަރަށް ބޮޑު ކަންބޮޑުމެއްގެ ތެރޭގައި ތިބީ،" މޭޔަރު ވިދާޅުވި އެވެ.
އައްޑޫގައި ހުންނަވާ އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ހިޝާމް އަހުމަދު ވިދާޅުވީ މިނިސްޓްރީގެ ފަރާތުން އައްޑޫގެ މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުން ލަސް ވިޔަސް، ރޯދައިގެ ކުރިން އެ މަސައްކަތް ފަށައި ނިންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިސްކިތްތަކުގައި ކުރަން ޖެހިފައި ހުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު އަވަށު އޮފީސްތައް މެދުވެރިކޮށް ހޯދާފައިވާ ކަމަށެވެ.
"އެެހެންވީމާ ރޯދައި ކުރިން މަސައްކަތް ފަށައި، ރޯދައިގެ ކުރިން ނިންމާލެވޭނެ. މިސްކިތްތައް މަރާމާތު ކުރަން އެމްއާރްޑީސީއާ މިހާރު ވަނީ ހަވާލު ކުރެވިފައި. އަދި މިސްކިތްތައް ފޮޅައި ސާފު ކުރުން އެސްޓީއޯއިން ގުޅިގެން ކުރިއަށް ގެންދާ ގޮތަށް ރޭވިފައި އޮތީ،" ހިޝާމް ވިދާޅުވި އެވެ.
"ދެން މަސައްކަތަށް ބޭނުންވާ ތަކެތި ވެސް ވަރަށް އަވަހަށް ލިބޭނެ."
އޭނާ އަދި ވިދާޅުވީ އައްޑޫގައި އިހްޔާ ޕްރޮގްރާމާއި ދަރުސް ދިނުން ފަދަ ޕްރޮގްރާމްތައް ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ކުރިއަށް ދާނެ ކަމަށެވެ.
"އެ މައުލޫމާތާއި އޭގެ ޝެޑިއުލްތައް ދެ ދުވަހެއްގެ ތެރޭގައި އަޅުގަަނޑުމެންނަށް ހިއްސާ ކުރެވޭނެ،" ހިޝާމް ވިދާޅުވި އެވެެ.