އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓް އެކުލަވާލާ އުސޫލު: އަމީރު
އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓް އެކުލަވާލާ އުސޫލު: އަމީރު

އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓް އެކުލަވާލުމުގެ ޕްރޮސެސް ރަނގަޅު ނުވުން ކަމަށާއި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ ކްރެޑިބަލް ބަޖެޓަކަށް ހައްދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ބަޖެޓްރީ ޑިސިޕްލީނެއް ނެތް ކަމަށެވެ. ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ބޭނުންވަނީ މަޖިލީހުން ފާސްކުރާ ބަޖެޓް އެންމެ ފުރިހަމަ އަށް ތަންފީޒުކުރުން ކަމަށް ވިދާޅުވި އެވެ. އަދި ބަޖެޓްގައި ހުންނަ ކަންކަން ހާސިލު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ބަޖެޓް ހުށަހެޅުމުގައި އާ ކަންތައްތަކެއް ހިމަނާށެވެ. އެގޮތުން މިދިޔަ މެއި މަހު ބަޖެޓް ތައްޔާރުކުރުން ހަރުދަނާ ކުރުމުގެ ގޮތުން އާ ސޮފްޓްވެއާއެއް ތައާރަފްކޮށް، ސަރުކާރުގެ އިދާރާތަކުން ބަޖެޓު އެކުލަވާލުމުގައި އަމަލުކުރަން ޖެހޭނެ ގޮތްތަކެއް އާންމުކުރި އެވެ.

އަމީރު ވިދާޅުވީ ބަޖެޓް މެނޭޖްކުރުމުގެ ތެރެއިން ރިކަރެންޓް ހަރަދު ކުޑަކުރަން މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އެގޮތުން ހިންގުމުގެ އެފިޝެންސީ މަތިކުރުމުގެ އިތުރުން އާސަންދަ ނިޒާމަށް އިސްލާހު ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 18.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު މިހާތަނަށް 9.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

"ސަރުކާރުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ އާސަންދައަށް އެބަ އިންވެސްޓް ކުރަން. އޭގެ ތެރެއިން ހެޔޮ ބަދަލެއް ފެންނާނެ. އޭގެ އިތުރުން ފާމަސީ އުސޫލާ އެކު ބޭސްތަކުގެ އަގުތައް އެއް ހަމައެއްގައި ލިބޭނެ ގޮތް ހެދޭނެ،" އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އާސަންދަ ލިބޭ ބޭސް ފިހާރަތަކުގެ އަގުތަކުގެ ފަރަގު އެއް ހަމައެއްގައި ބަހައްޓަން މަސައްކަތް ކުރާ ކަމަށެވެ. އެކި ބޭސްފިހާރަތަކުން އެއް ބޭހެއް ލިބޭ އަގުތަކުގައި ބޮޑެތި ތަފާތުތަކެއް ހުރި ބައެއް ފަހަރު އެ ތަފާތު 700 ޕަސެންޓަށް މައްޗަށް ގޮސްފައި އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.