02 އޯގަސްޓް 2019 - 15:55

ނިއު ދިއްލީ (އޮގަސްޓް 2) - އިންޑިއާގެ ކުޑަ އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކުލްދީޕް ސިންގް ސެންގަރު އެންމެ ފަހުން ޕާޓީން ބޭރުކޮށްލައިފި އެވެ.

ރޭޕުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، އަންހެން ކުއްޖާ ދަތުރު ކުރި ކާރު އެކްސިޑެންޓްވުމާ ގުޅިގެން އެ ކުއްޖާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ކުއްޖާގެ ހާލު އަދިވެސް ސީރިއަސް އެވެ. އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި ޓްރަކެއްގައި ކާރު ޖެހި އާދިއްތަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ކާރުގައި އިން އަންހެން ކުއްޖާގެ ދެ ބޮޑުދައިތައިން ވަނީ މަރުވެފަ އެވެ. އަދި އަންހެން ކުއްޖާގެ ވަކީލް ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.
ފުލުހުން މިހާރު ދަނީ އަންހެން ކުއްޖާގެ ކާރު އެކްސިޑެންޓާ ސެންގަރާ ގުޅުމެއްވޭތޯ ބަލަމުންނެވެ. ރޭޕުގެ ތަހުގީގު ކުރިއަށްދާތީ ސެންގަރު މިހާރު ހުރީ ޖަލުގަ އެވެ.
އަންހެން ކުއްޖާ ކުޑައިރު، 2017 ގައި، ސެންގަރު ވަނީ އެ ކުއްޖާ ރޭޕްކޮށްފަ އެވެ. އަންހެން ކުއްޖާ ކިޑްނެޕްކޮށް ރޭޕްކުރީ ސެންގަރުގެ ގާތަށް ވަޒީފާއެއް ހޯދަން ދިއުމުންނެވެ.
އަންހެން ކުއްޖާގެ މަންމަ ބުނީ ސެންގަރު ޕާޓީން ބޭރު ކުރުމަކީ "ލިބުނު އުފަލެއް" ކަމަށެވެ. އަދި އަންހެން ދަރިފުޅު 2017 ވަނަ އަހަރު، ރޭޕް ކުރިފަހުން އާއިލާ ދިރިއުޅެމުންދަނީ ބޮޑު ބިރުވެރި ކަމެއްގައި ކަމަށް މަންމަ ބުންޏެވެ.
އެކްސިޑެންޓުގެ ކުރިން ވެސް އަންހެން ކުއްޖާގެ އާއިލާ އިން ވަނީ ސެންގަރުގެ ފަރާތުން އެ މީހުންނަށް ނުރައްކާތެރި އިންޒާރުތައް ލިބެމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.
ރޭޕުގެ މައްސަލަ އާއި ކާރު އެކްސިޑެންޓުގެ މައްސަލަ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ ސެންގަރު ހިމާޔަތް ކުރަން ބީޖޭޕީން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ރޭޕުގެ މައްސަލައިގައި ސަރުކާރުން ހިމޭނުން އޮންނަ ކަމަށް ބުނެ އިދިކޮޅު ވަރަށް ގިނަ މެންބަރުން ބުދަ ދުވަހު ވަނީ ޕާލަމެންޓުގެ ބައްދަލުވުން ދޫކޮށް ނުކުމެފަ އެވެ.
ބީޖޭޕީ އަށް އަމާޒުވާ ފާޑުކިޔުންތަކަށް ޖަވާބު ދެމުން ބުނެފައި ވަނީ ސެންގަރު މާކުރިން ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެޕްރީލް 2018 ގައި އަންހެން ކުއްޖާ ވަނީ އޭނާ ރޭޕްކުރި މައްސަލަ އަށް ސަމާލުކަން ހޯދުމުގެ ގޮތުން ސްޓޭޓުގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔާނާތުގެ ގޭގެ ކުރިމަތީގައި އަމިއްލަ ހަށިގަނޑުގައި ރޯކޮށްލަން މަސައްކަތް ކޮށްފަ އެވެ. އޭގެ އެއް ދުވަސް ފަހުން އެ ކުއްޖާގެ ބައްޕަ ވަނީ ޖަލުގައި މަރުވެފަ އެވެ. އޭގެ ހަފުތާއެއް ކުރިން އަންހެން ކުއްޖާގެ ބައްޕަ އަށް ވަނީ ސެންގަރުގެ ކޮއްކޮއެއް ކަމަށްވާ އަތުލް ސެންގަރާއި އޭނާގެ ސަޕޯޓަރުންތަކެއް ޖަލުގައި ހަމަލާދީފަ އެވެ.