02 އޯގަސްޓް 2019 - 22:39

ނަފްސާނީ މައްސަލައެއް ހުންނަ މީހަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ ހުކުރު ދުވަހު 13 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މެދު ރާއްޖެ ތެރޭ ރަށަކުން ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާގެ ތަހުގީގަށް އެނގުނު ގޮތުގައި ތުހުމަތު ކުރެވޭ މީހަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނާއަށް ފަރުވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"އޭނާ މުޖުތަމައު ތެރޭގައި އާންމުކޮށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތާއި އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ފެނޭ،" ފުލުހުން ބުންޏެވެ.
އެއީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާ ބެހޭ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.