04 އޯގަސްޓް 2019 - 14:18

ތެހެރާން (އޮގަސްޓް 4) - ގާނޫނާޚިލާފަށް ވެބްސައިޓެއް ހިންގުމުގެ ކުށުގައި އީރާނުގެ ޖަލެއްގައި އުމުރަށް ބަންދުކޮށްފައި ހުރި މީހަކު ތިން ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ޖަލުން ނެރެފައި ވަނިކޮށް ފިލައިގެން ކެނެޑާ އިން ހިނގައްޖެ އެވެ.
ވެބް ޑިވެލޮޕަރެއް ކަމަށްވާ އުމުރުން 44 އަހަރުގެ ސައީދު މަލެކްޕޫރު އީރާނުން ފުރައިގެން ދިޔަކަން އީރާނުގެ އޮފިޝަލުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
"އީރާނުން ފުރުން މަނާކޮށްފައި ވަނިކޮށް ނުރަސްމީ ޗެނަލްތައް ބޭނުންކޮށްގެން އޭނާ ވަނީ އީރާނުން ފުރައިފައި،" ޖުޑިޝަރީގެ ތަރުޖަމާނެއް ކަމަށްވާ ގުލާމް ހުސައިން އިސްމައިލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީރާނުން ފިލައިގެން ދިޔަ މީހާގެ އުމުރު ދުވަހުގެ ޖަލު ހުކުމުން 11 އަހަރު ތަންފީޒްކޮށް ނިމިފައިވާ ކަމަށެވެ. އަދި ތިން ދުވަހަށް އޭނާ ޖަލުން ނެރުނީ ޖުލައި 20 ވަނަ ދުވަހު ކަމަށާއި މުއްދަތު ހަމަވިއިރު އަނބުރާ ޖަލަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
މަލެކްޕޫރުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގެ މެންބަރަކު ވިދާޅުވީ މަލެކްޕޫރު ވަގުތީ ގޮތުން ޖަލުން ނެރުނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ޕްރެޝަރު ކުރުމުން ކަމަށެވެ.
ކެނެޑާގެ ސީބީސީ ޓީވީން ބުނީ މަލެކްޕޫރު ވެންކޫވާ އަށް ދިޔައީ ތިން ވަނަ ގައުމެއް މެދުވެރިކޮށް ކަމަށެވެ.
އީރާން އުފަން އެކަމަކު ކެނެޑާގެ ޕާމަނަންޓް ރެސިޑެންސީ އޮންނަ މަލެކްޕޫރު ޑިސެމްބަރު 2008 ގައި އީރާނުން ހައްޔަރު ކުރީ ބަލި ހާލުގައި އޮތް އޭނާގެ ބައްޕައަށް ޒިޔާރަތް ކުރަން ތެހެރާނަށް ދިޔަ ތަނުންނެވެ. މަލެކްޕޫރު ބުނެފައި ވަނީ އޭނާގެ ވެބްސައިޓް އެހެން މީހުން ބޭނުންކުރީ ނާޖާއިޒް ގޮތުގައި ކަމަށެވެ.
މަލެކްޕޫރަށް ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އޮގަސްޓް 2013 ގައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަށް އަދަބު ލުއިކޮށްދީފަ އެވެ.