ހަރަދު ކުރާ ގޮތް ބަލައި ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ: އަމީރު
ހަރަދު ކުރާ ގޮތް ބަލައި ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ: އަމީރު

ބަޖެޓުގައިވާ ކަންކަމަށް ސަރުކާރުން ހަރަދުކުރާގޮތް ބަލައި، ޒިންމާދާރުކުރުވަން ޖެހޭ ކަމަށާއި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ މުދާ އުސޫލުތަކުގެ ތެރެއިން މެނޭޖު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި، ކޮމާޝަލް ލޯ ޑިވެލޮޕްމެންޓް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ، ކޮރަޕްޝަން ނައްތާލައި، ކަންކަން ކުރުމުގައި ރަނގަޅު އުސޫލުތައް ތައާރަފްކުރުމަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.

ކޮމާޝަލް ލޯ ޑިވެލޮޕްމެންޓް ޕްރޮގްރާމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ މިފަދަ ސެމިނާތަކުން ސަރުކާރުގެ ޕްރޮކިއުމަންޓް ފްރޭމްވޯކް ޒަމާނީކޮށް ފުރިހަމަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށެވެ.

މިއަދު ފެށީ ސަރުކާރުގެ ޕްރޮކިއުމަންޓްގެ އެންމެ ރަނގަޅު އުސޫލުތަކާ ގުޅޭ ގޮތުން ދެ ދުވަހަށް ގެންދާ ސެމިނާއެކެވެ. މިއީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސް އިން އިންތިޒާމުކުރާ ސެމިނާއެކެވެ.