06 އޯގަސްޓް 2019 - 07:35

މިދިޔަ އަހަރު ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" ގެނެސް ދިން ޑައިރެކްޓަރު ޕްރަދީޕް ސަރްކާރު ވެބް ސީރީޒެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.
އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީ އާއި ޒީ ނެޓްވޯކްގެ ޒީ5 އާ ގުޅިގެން ޕްރަދީޕް ގެނެސްދޭ ފުރަތަމަ ވެބް ސީރީޒަކީ "ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" އެވެ. މީގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ސޫޖަލްގެ ނަމުން މަޝްހޫރުވި ރަޖީވް ކަންޑެލްވާލާއި ސްޓާ ޕްލަސް އިން މިހާރު ދައްކާ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގެ ބަތަލާ ދިވްޔަންކާ ތުރިޕަތީ އެވެ.
"ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" ވެގެން ދާނީ އެ ދެ ތެރިން އެކީގައި ފެންނަ ފުރަތަމަ އުފެއްދުމަށެވެ. ނަމަވެސް މި ވެބް ސީރީޒް ސްޓްރީމްކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޕްރަދީފަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ރާނީ މުކަރްޖީގެ "މަރުދާނީ" އާއި ވިދިޔާ ބަލަންގެ "ޕަރިނީތާ" ގެ ޑައިރެކްޓަރެވެ. އޭނާ މިދިޔަ އަހަރު ގެނެސް ދިން "ހެލިކޮޕްޓާ އީލާ" އަކީ އެހާ ކާމިޔާބު ފިލްމެއް ނޫނެވެ.
ޕްރަދީޕް މިހާރު އަންނަނީ "އެރޭންޖްޑް މެރިޖް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އެކްޓަރު ރިޝީ ކަޕޫރް އަނެއްކާ ވެސް އިންޑިއާ މަތިން ހަނދާންވެގެން އުދާސްތަކެއް ބޭރުކޮށްލައިފަ އެވެ.
އަންނަ މަހުގެ 4 ގައި ފާހަގަކުރާ އޭނާގެ 67 ވަނަ އުފަން ދުވަހާ ދިމާކޮށް އިންޑިއާ އަށް އެނބުރި ދާން މިހާރު ކައުންޓްޑައުން ވެސް ފަށައިގެން އުޅޭ ރިޝީ ކުރި ޓްވީޓެއްގައި ބުނީ މެންހަޓަންގެ ކޮންކްރިޓް ޖަންގެއްގެ ތެރޭގައި އުޅެން ޖެހުމުން ހާމަ އުޑު ވެސް ނުފެންނަތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އެކަމަކު އިހަކަށް ދުވަހު ބޭރަށް ނުކުތުމުން ފްލައިޓެއް ފެނި، އޭގެ އަޑު ވެސް އިވި އިންޑިއާގެ މަތިން ހަނދާންވި ކަމަށް ބުންޏެވެ.
ބެލެވޭ ގޮތުން މި މަހުގެ ފަހުކޮޅު ރިޝީ އިންޑިއާ އަށް ދާނެ އެވެ. އޭނާ ބުނި ގޮތުގައި މިހާރު ކެންސަރުން އެއްކޮށް ސަލާމަތްވެއްޖެ އެވެ. ދާދި ފަހުން ރިޝީގެ ފިލްމެއް ވެސް ރިލީޒްވި އެވެ. އެއީ "ޖޫޓާ ކަހީ ކާ" އެވެ.
އަންނަ މަހު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ "ބާގީ 3" ގައި ޝްރަދާ ކަޕޫރް ކުޅޭނީ އެއާ ހޮސްޓެސްއެއްގެ ރޯލް ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ވެސް މިހާރު ޝްރަދާ ފަށާފައިވާ ކަމަށާއި ވޯކްޝޮޕްތަކެއް ކުރިއަށްދާ ކަމަށެވެ. "ބާގީ 3" އަކީ ޓައިގާ ޝްރޮފާ އެކު، ޝްރަދާ 2015 ގައި ކުޅުނު ފިލްމުގެ ތިން ވަނަ ބައެވެ. އެކަމަކު މިދިޔަ އަހަރު ރިލީޒް ކުރި "ބާގީ 2" ގައި ބަތަލާގެ ރޯލް ކުޅުނީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ.
"ބާގީ" ސީރީޒްގެ ފުރަތަމަ ބައި ޑައިރެކްޓް ކުރީ ސަބީރު ހާން ކަމަށް ވިޔަސް ތިން ވަނަ ބައި ޑައިރެކްޓް ކުރަނީ ދެވަނަ ބައި ވެސް ޑައިރެކްޓް ކުރި އަހުމަދު ހާނެވެ. "ބާގީ 3" ގެ ޝޫޓިން އިންޑިއާގެ މުމްބާއީ އާއި އާގްރާގެ އިތުރުން ޔޫރަޕްގެ ޖޯޖިއާ އަދި މެދުއިރުމަތީގައި ވެސް ނަގާނެ އެވެެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ.
ޝްރަދާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 30 ގައި ރިލީޒްކުރާ "ސާހޯ" އެވެ. އަދި އަންނަ މަހުގެ 6 ގައި "ޗިޗޯރް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ. ޝްރަދާ އެންމެ ފަހުން ޝޫޓިން ނިންމައިލީ އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރާ "ސްޓްރީޓް ޑާންސާ" އެވެ.
މިދިޔަ އަހަރު ގެނެސް ދިން "އިންޑިއަން އައިޑޮލް" ސީޒަން 14 އަށް ފަހު، މި ޝޯގެ 15 ވަނަ ސީޒަނަށް ސޮނީ ޓީވީން ތައްޔާރުވެއްޖެ އެވެ.
އެގޮތުން މިހާރު އަންނަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި އޮޑިޝަންތައް ބާއްވަމުންނެވެ.
ނަމަވެސް ޝޯ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުން އިންޑިއަން އައިޑޮލް ސީޒަން 15 ފަށާނީ ސޮނީން މިހާރު ދައްކާ ކުޑަކުދިންގެ ލަވަ ޝޯ "ސުޕަސްޓާ ސިންގާ" ގެ ނިމުމުންނެވެ. އެ ޝޯގެ ކޯޗުންގެ ގޮތުގައި މިދިޔަ އަހަރު އިންޑިއަން އައިޑޮލް ކާމިޔާބު ކުރި ސަލްމާން އަލީ ވެސް ބައިވެރިވެ އެވެ.
އިންޑިއަން އައިޑޮލް 15 ގައި ޖަޖުންގެ ގޮތުގައި މި ފަހަރު ކުރީގެ ޖަޖުން ކަމަށްވާ ވިޝާލް ދަދުލާނީ އާއި ނޭހާ ކައްކަރާއި ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ޝޯ އިން ވަކި އިރު އައްނޫ މަލިކް ފެންނާނެ ކަމަށް ބެލެވެ އެވެ.
މި ހަފުތާގައި ގެނެސް ދިން "ސްޕަސްޓާ ސިންގާ" ގެ މެހުމާނެއްގެ ގޮތުގައި ވެސް އައްނޫ ބައިވެރިވި އެވެ.