08 އޯގަސްޓް 2019 - 08:17

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ކައިވެނި ކުރުމުގެ ކުރިން އޭނާ އަށް ފިރިމީހާ ނިކް ޖޯނަސް މިދިޔަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސް އިން ގަނެދިން އަގުބޮޑު ލަގްޒަރީ ވިލާ ވިއްކާލައި، ދެ ތަރިން އާ ގެއެއް ގަތުމުގެ މަސައްކަތް ފަށައިފި އެވެ.
ޓީއެމްއެންޒީން ބުނި ގޮތުގައި ކެލިފޯނިއާގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދު ކަމަށްވާ ބެވަލީ ހިލްސް އިން ގަތް ފަސް ކޮޓަރީގެ ގެ ވިއްކާލާފައި ވަނީ އެ ގެ ގަތް އަގު ކަމަށްވާ 6.5 މިލިއަން ޑޮލަރަށެވެ.
އެ ނޫހުން ބުނި ގޮތުގައި ގެ ވިއްކައިލުމަށް ފަހު ޕްރިޔަންކާ އާއި ނިކް މި ފަހަރު ވެސް ގެއެއް ގަންނަން ނިންމާފައި ވަނީ ލޮސް އެންޖެލިސްއިންނެވެ. އަދި އެކަމަށް 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ގަ އެވެ.
އިންޑިއާގެ ބަތަލާއިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްޅާ އަކީ ވަރަށް ޕޮޝް ދިރިއުޅުމެއް އުޅޭ ތަރިއެކެވެ. އަދި އޭނާއަކީ ބޮޑު އާމްދަނީއެއް ވެސް ލިބޭ ބަތަލާއެކެވެ. ހޮލީވުޑާއި ބޮލީވުޑް ފިލްމުތައް ކުޅުމުގެ އިތުރަށް، ފިލްމު ޕްރޮޑިއުސްކޮށް އަދި އެ ނޫން ވެސް އެކި ކަހަލަ ވިޔަފާރިތަކަށް އޭނާ އިންވެސްޓްކޮށްފައިވެ އެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ރިލީޒް ކުރާ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.