14 އޯގަސްޓް 2019 - 09:48

އަންނަ މަހު ރަސްމީކޮށް ލޯންޗްކުރާ އެޕަލް ޓީވީ ޕްލަސް އިން ގެނެސްދޭ ޝޯތަކުގެ ތެރެއިން "ދަ މޯނިން ޝޯ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
ކެރީ އެރީން ގެނެސްދޭ މި ޑްރާމާގައި އޭ ލިސްޓް ތަރިންތަކެއް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ޖެނިފާ އެނިސްޓަން، ރީޒް ވިދަސްޕޫން އަދި ސްޓީވް ކެރެލް ހިމެނެ އެވެ.
"ދަ މޯނިން ޝޯ" އަކީ ޕްރޮޑިއުސަރު މައިކަލް އެލެންބާގާއި އެޕަލް ގުޅިގެން އުފައްދާ އެއްޗެކެވެ.
މީގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ ސީއެންއެންގެ ސީނިއާ ނޫސްވެެރިޔާ އަދި "ރިލަޔަބަލް ސޯސް" ގެ ހޯސްޓް ބްރަޔަން ސްޓެލްޓާޒް 2013 ގައި ގެނެސްދިން ނޮން-ފިކްޝަން ވާހަކަ "ޓޮޕް އޮފް ދަ މޯނިން" ގައި ކިޔައި ދީފައިވާ ބައެއް ހާދިސާތަކެވެ. އޭގައި ކިޔައިދެނީ ބޮޑު ވާދަވެރިކަމެއް އޮތް އެންބީސީގެ "ޓްޑޭ" ޝޯ އާއި އޭބީސީގެ "ގުޑް މޯނިން އެމެރިކާ" ގެ ވާހަކަ އެވެ.
ވެރައިޓީން ބުނި ގޮތުގައި "ދަ މޯނިން ޝޯ" ދެ ސީޒަނަކަށް ގެނެސް ދޭން ނިންމާފައިވާ އިރު، ކޮންމެ ސީޒަނެއްގައި ޖުމްލަ 10 އެޕިސޯޑް ހިމެނޭނެ އެވެ.
އެޕަލް ޓީވީ ޕްލަސް އިން ގިނަ އަދަދެއްގެ އޮރިޖިނަލް ޝޯތަކާއި ފިލްމުތަކާއި އެކި ކަހަލަ ޑޮކިއުމަންޓަރީތައް ވެސް ގެނެސްދޭނެ އެވެ. އަދި މީގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ އިޝްތިހާރުތަކާ ނުލައި ޝޯތައް ބަލައިލުމުގެ ފުރުސަތު ލިބުމެވެ.
އެޕަލް ޓީވީ ޕްލަސްގެ ގިނަ އުފެއްދުންތަކެއް މިހާރު ވެސް އުފެއްދުމުގެ މަރުހަލާގައި އެބަ ހުއްޓެވެ.