13 އޯގަސްޓް 2019 - 16:39

އއ. އަތޮޅުގައި އޮންނަ "ކޮންސްޓެންސް މޫފުށި" ރިސޯޓުން މިއަދު ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފެށި ފަހުން އެ މީހުން ސްނޯކްލިން ނިންމާފައި އެނބުރި ރިސޯޓަށް އަރައި ތިއްބާ ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ދެ ޓޫރިސްޓުން ގެއްލިގެން ރިޕޯޓް ކުރެވުނީ ރިސޯޓްގެ މުވައްޒަފުންނަށް އެރި އޮޅުމަކުން ކަމަށާއި އެ ދެ މީހުން އެނބުރި އައީ އަމިއްލަ އަށް ކަމަށެވެ. ގެއްލުނު ކަމަށް ރިޕޯޓް ކުރި ދެ މީހުންނަކީ ޖަރުމަނުގެ ދެމަފިރިންނެވެ.
އެ ދެ މީހުން ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓް ކުރީ އާޒިމް ކުރިން ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 11:19 ގަ އެވެ. އެ ހިސާބުން ފެށިގެން އެ މީހުން ހޯދަން ކޯސްޓްގާޑް ވެލާނާ ލޯންޗްގެ ސިފައިންނާއި ކޯސްޓްގާޑްގެ ޑައިވަރުން އައީ މަސައްކަތް ކުރަމުންނެވެ.
ޓުއަރިސްޓުން ގެނބިގެން މަރުވުމުގެ ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ރާއްޖޭގައި ވަނީ ހިނގައިފަ އެވެ. ދެ ޓޫރިސްޓަކު ގެއްލުނު ކަމަށް ބެލެވުނު އިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯހެވެ.