15 އޯގަސްޓް 2019 - 13:09

ކުއާލަ ލަމްޕޫރު (އޮގަސްޓް 15) - "އަހަރެމެންގެ ހިތް ފަޅައިގެން ހިނގައްޖެ" ކަމަށް ބުނެ، މެލޭޝިއާ އިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ނޯރާ ގުއޮރިންގެ އާއިލާގެ ހިތާމަތައް ބޭރުކޮށްލައިފި އެވެ.

ޗުއްޓީއަކަށް އާއިލާއާ އެކު މެލޭޝިއާ އަށް ދިޔަ އިނގިރޭސި ވިލާތުގެ ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 15 އަހަރުގެ ނޯރާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދާތާ 10 ދުވަސް ފަހުން، މިދިޔަ އަންގާރަ ދުވަހު އެވެ. ނޯރާ ފެނުނީ ޑުސުންއާ އެއް މޭލު (ދެ ކިލޯ މީޓަރު) ދުރުން ޖަންގަލީގެ ތެރޭންނެވެ.

ނޯރާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ވަނީ އެ ކުއްޖާ ހޯދަން ބޯ ޖަންގަލީގެ ތެރޭގައި ހަރަކާތްތެރިވި ރެސްކިއު ޓީމުގެ 350 މެންބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

"ނޫރާ އެވަނީ އެތައް ބަޔަކު ގާތްކޮށްދީފައި. ޚާއްސަކޮށް ފްރާންސް، އަޔަލޭންޑް، އިނގިރޭސި ވިލާތް އަދި މެލޭޝިއާ އިން ވަނީ ނޯރާ އަށް ޓަކައި އޮތް ލޯބި ހާމަކޮށްދީފައި. ނޯރާގެ ހާދިސާ އިން ދުނިޔެ އަށް އަސަރުކޮށްފި. ނޯރާ އަހަރެމެންނާ ވަކިވެ ދިއުމަކީ ކެތްކުރެވޭވަރުގެ ކަމެއް ނޫން. އަހަރެމެންގެ ހިތްތައް ފަޅައިގެން ހިނގައްޖެ،" އާއިލާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނޯރާ މަރުވި ސަބަބެއް އަދި ނޭނގެ އެވެ. ނޯރާގެ ޕޯސްޓް މޯޓަމް އިއްޔެ ވަނީ ހަދައިފަ އެވެ. މެލޭޝިއާ ފުލުހުންގެ ޑިޕިއުޓީ މަޒްލާން މަންސޫރު ވިދާޅުވީ ޖަންގަލީގެ ތެރޭގައި ފެންދެމޭ ތަނެއްގެ ކައިރިން ނޯރާ ފެނުނު އިރު އޮތީ ބަރަހަނާ ހާލުގައި ކަމަށެވެ. އެ ކުއްޖާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ފުލުހުން ނުބުނެ އެވެ.

ނޯރާ ގެއްލުނީ ކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ނިންމި ނަމަވެސް އެ ކުއްޖާގެ އާއިލާ އިން ތުހުމަތު ކުރަނީ ނޯރާ ވަގަށް ނެގީ ކަމަށެވެ. ސިކުނޑީގެ އުނިކަމެއް ހުންނަ ނޯރާ އަށް އެކަނި އެއްވެސް ތަނަކަށް ނުދެވޭނެ ކަމަށް އާއިލާ އިން ބުނެ އެވެ. އެ އާއިލާ އިން ނޯރާއާ އެކު އޭޝިއާ އަދި ޔޫރަޕުގެ ގައުމުތަކަށް މީގެ ކުރިން ވަރަށް ގިނައިން ދަތުރުކުރި ކަމަށާއި އެއިން އެއްވެސް ފަހަރަކު ނޯރާ އެކަނި ބޭރަށް ނުދާ ކަމަށް އާއިލާ އިން ބުނެ އެވެ.

ނޯރާގެ މައިންބަފައިންނަކީ ފްރެންޗް-އައިރިޝް ބައެއް ނަމަވެސް އެ މީހުން ލަންޑަނުގައި ދިރިއުޅޭތާ 20 އަހަރުވެއްޖެ އެވެ. އެ ދެމަފިރިން ހޯމަ ދުވަހު ވަނީ ނޯރާ ހޯދައިދިން ފަރާތަކަށް 50،000 ރިންގިޓް (11،900 ޑޮލަރު) ގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ.
