15 އޯގަސްޓް 2019 - 14:12

އީދު ފާހަގަކުރަން ށ. ކަނޑިތީމުގައި 100 އަށް ވުރެ ގިނަ މަސްވެރިންނާ އެކު މަސް ރޭހެއް މިއަދު ފަށައިފި އެވެ.

އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ކަނޑިތީމުގެ ޒުވާނުންގެ އިސް ނެގުމެކެވެ. މަސް ރޭސް ނިމުމާ އެކު ރަށުގެ އެންމެންނަށް މަސް ފިހުން އޮންނާނެ އެވެ.

"ނިލަމެހި މަސްރޭހު"ގައި 17 ޓީމު ހިމެނެ އެވެ. ހެނދުނު މަހަށް ފުރި މި ޓީމުތައް ރަށަށް އަންނަ ގޮތަށް ހަމަޖައްސާފައި ވަނީ ހަވީރެވެ.
މަސް ރޭސް ފަށަން ޓީމުތަކާ ދިދަ ހަވާލުކުރީ އެ ރަށުގެ ކުރީގެ މަސްވެރިންނެވެ.
"ރަށުގެ ކުދިބޮޑު ހުރިހާ އެންމެން އެކި ކަންކަމުގައި ބައިވެރިވާ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދަނީ. ރަށުގައި އުޅޭ ބިދޭންސީން ވެސް،" ގާތްގަނޑަކަށް 1،400 މީހުން ދިރިއުޅޭ ރަށުގައި، އެ ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ހަސަން ޒަރީރު ބުންޏެވެ.
މަހަށް ނުގޮސް ރަށުގައި ތިބި ފިރިހެނުންގެ މަސައްކަތަކީ މަސް ފިހުމަށް ބޭނުން ކުރާ އޫ ތައްޔާރު ކުރުމާއި އެ ނޫން އިންތިޒާމްތައް ހަމަޖެއްސުމެވެ.
މަހުން އަންނަން ވާއިރަށް ޓީމުތަކަށް ޖޫސް ދިނުމަށާއި ފިހުނު މަހާ އެކު ކާނެ ބޮނޑިބަތް ކެއްކުން އޮތީ އަންހެނުންނަށެވެ. އެކަން ކުރަމުން އަންނަނީ ހުރިހާ އަންހެނުން ވަކި ސަރަހައްދުތަކަކަށް އެއްވެ އެންމެން އެކުގަ އެވެ.
"މަސް ބާނައިގެން އަންނަ ޓީމުތައް އައީމަ އެ ނިމުނީ. މަސް ކަނޑާނީ ވަކި ބައެއް. މަސް ފިހާނީ ވަކި ބައެއް،" ދެވަނަ ފަހަރަށް އެ ރަށުގައި ބާއްވާ ހަރަކާތާ ގުޅޭގޮތުން ޒަރީރު ބުންޏެވެ.
މަސް ފިހުމާއި ކެއުން އޮތީ މިރެ އެވެ. އެންމެ ގިނައިން މަސް ބޭނި ޓީމު ހޮވުން އޮތީ މިރޭގެ ހަރަކާތުގެ ތެެރޭގަ އެވެ. އެ ޓީމުތަކަށް ސެޓްފިކެޓް ދިނުމަށް ވަނީ ނިންމައިފަ އެވެ.