16 އޯގަސްޓް 2019 - 08:23

އޭޝިއަން ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ގައުމީ ވޮލީބޯޅަ ޓީމުން ރޭ ނޭޕާލަށް ފުރައިފި އެވެ.
މި މަހު 19-24 އަށް އޮންނަ މުބާރާތުގައި ކުޅެން ކޮލަމްބޯ އާއި ނިއު ދިއްލީ މަގުން މިއަދު ކަތުމަންޑޫ އަށް ގޮސް ވޮލީ ޓީމުން އެތަނުގައި ތިން ދުވަހުގެ ޓްރެއިނިން ހަދާނެ އެވެ. އެއަށް ފަހު ފުރަތަމަ މެޗުގައި ހޯމަ ދުވަހު ބައްދަލުކުރާނީ ނޭޕާލާ އެވެ. ދެ ވަނަ މެޗުގައި ވާދަކުރާނީ ކިރްގިސްތާނާ އެވެ. އަނެއް ގްރޫޕުގައި އޮތީ އުޒްބަކިސްތާނާއި ބަންގްލަދޭޝް އާއި އަފްގާނިސްތާން އަދި ތުރުކުމެނިސްތާނެވެ.
ރާއްޖޭން މި މުބާރާތަށް ދިޔައީ ޗެމްޕިއަންކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެން ރަނގަޅަށް ތައްޔާރުވެގެން ވެސް މެ އެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީން ހޯދައިދިން ފުރުސަތެއްގައި ސްރީ ލަންކާ ޓީމު ގެނެސް އެކުވެރިކަމުގެ ތިން މެޗު މާލޭގައި ކުޅުނެވެ. އެ ތިން މެޗުން ރާއްޖެ ބަލިވި ނަމަވެސް ކުޅުމުގެ ފެންވަރަށް ބަލާއިރު މުބާރާތާ މެދު އުއްމީދު އެބައޮތް ކަމަށް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފައިވެ އެވެ.
"ލަންކާ ކަހަލަ ޓީމަކާ ދެކޮޅަށް މި ފެންވަރުގައި ކުޅެފައި ސެޓު ވެސް ގެނެވެއްޏާ ސެންޓަރަލް ޒޯނުގައި ރަނގަޅު ނަތީޖާއަކާ މެދު ވަރަށް އުއްމީދުކުރެވޭ. އެއީ ކޮންމެ ގޮތެއްވިޔަސް ސެންޓްރަލް ޒޯނުގައި ކުޅޭނީ ލަންކާ މި ކުޅޭ ލެވަލަށް ވުރެ ދަށް ޓީމުތަކެއް،" ކާއްޓޭ ބުނެފައިވެ އެވެ،
ވޮލީން ވަނީ ދާދި ފަހުން ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވެސް ވާދަކޮށްފަ އެވެ. އެކަމަކު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. ފުރަތަމަ މެޗުން މަޑަގަސްކަރަ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ކޮމޮރޯސް އަތުން ސީދާ ތިން ސެޓުން މޮޅުވި އެވެ. އެކަމަކު ފަހު މެޗުން ރީޔޫނިއަން އަތުން 3-1 ސެޓުން ބަލިވީ އެވެ.
އައިއޯއައިޖީގެ ކުރިން މިނިސްޓްރީން ދިން ފުރުސަތެއްގައި ވޮލީ ޓީމު ވަނީ އެ ކުޅިވަރުގެ ވަރުގަދަ ގައުމެއް ކަމަށްވާ ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.
ބަންގްލަދޭޝްގައި 2016 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނު ފަހުން ދެން ކުޅުނު ސެންޓްރަލް ޒޯނު ދެ މުބާރާތުގައި ވެސް ރާއްޖެ އަށް މޮޅެއް ނުލިބެ އެވެ. މި ފަހަރުގެ ޓީމު މި ވަގުތު ރަނގަޅު ފޯމެއްގައި އޮތްއިރު، ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ "މިހާރު އެވޯޑްސް"ގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހުޒާމް (ހުޒަންޓެ) އެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯނުގައި ރާއްޖޭގެ ޓީމަށް ލިބޭނެ އަނެއް ހިތްހަމަޖެހުމަކީ މިދިޔަ އަހަރު ބީޗް ވޮލީ ބޯޅަ ޓީމުން ފެނުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަލުން ޓީމަށް އެނބުރި އައިސް ކުޅޭ ފުރަތަމަ ސެންޓްރަލް ޒޯން މުބާރާތް ކަމަށްވުމެވެ.