16 އޯގަސްޓް 2019 - 19:52

ރާއްޖެއަށް ދޮޅު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހަކު ކަސްޓަމްސުން މިއަދު އަތުލައިގެންފި އެވެ.
ކަސްޓަމްސުން ބުނިގޮތުގައި 1.52 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަނިކޮށް މިއަދު އަތުލައިގަތީ ވައިގެ މަގުން ސްރީލަންކާ އިން ރާއްޖެއަށް އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންނެވެ. އޭނާއާ މެދު ޝައްކު ކުރެވޭތީ ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ފެނުނީ އޭނާގެ ލަގެޖްގެ ތެރެއިން ކަމަށް ކަސްޓަމްސުން ބުންޏެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި އެ ތަކެތި ތަހުލީލު ކުރުމުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ހެރޮއިން ކަމަށް ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ވަނީ ދައްކައިފަ އެވެ. އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެއްޗާއި ހައްޔަރުކުރި މީހަކު މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސުން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އެކި ފަހަރު މަތިން އަތުލައިގެންފައިވެ އެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު، އެއް ލައްކަ ރުފިޔާއިން ފެށިގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.