ޒާކިރު ނައިކްއާ މެލޭޝިއާ ފުލުހުން ސުވާލުކުރަނީ
ޒާކިރު ނައިކްއާ މެލޭޝިއާ ފުލުހުން ސުވާލުކުރަނީ

ކުއާލަ ލަމްޕޫރު (އޮގަސްޓް 17) - މެލޭޝިއާގައި ދިރިއުޅޭ އެކި ނަސްލުތަކުގެ މީހުންނާ ގުޅޭ ގޮތުން ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ފުލުހުންގެ އޮފީހަށް ހާޒިރު ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ވޭތުވެދިޔަ ތިން އަހަރު މެލޭޝިއާގައި ދިރިއުޅުއްވި ޒާކިރު ނައިކް ދާދި ފަހުން ވިދާޅުވި ބަސްތަކަކާ ގުޅިގެން އޭނާ އަށް ވަނީ ފިއްތުންތައް ކުރިމަތިކުރަން ފަށައިފަ އެވެ. ޒާކިރު ނައިކް ވިދާޅުވެފައި ވަނީ އިންޑިއާގެ މައިނޮރިޓީ މުސްލިމުންނަށް ވުރެ މެލޭޝިއާގެ ހިންދޫންނަށް ލިބިފައިވާ ހައްގުތައް 100 ގުނަ އިތުރު ކަމަށެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުންނަކީ "މެހުމާނުންތަކެއް" ކަމަށާއި އެ މީހުން މެލޭޝިއާ އިން ދާން ޖެހޭ ކަމަށް ވެސް ޒާކިރު ނައިކް ވަނީ ވިދާޅުވެފަ އެވެ.

ނަސްލީ ނުވަތަ ދީނީ ގޮތުން ބުނާ ބަސްތަކަކީ މެލޭޝިއާގައި ވަރަށް ސީރިއަސް މައްސަލަތަކެކެވެ. މެލޭޝިއާގެ 32 މިލިއަން މީހުންގެ އާބާދީގެ 60 ޕަސެންޓަކީ މުސްލިމުންނެވެ. ދެން ހިމެނެނީ ޗައިނާ އާއި އިންޑިއާ ދަރިކޮޅުގެ މީހުންނެވެ. އިންޑިއާ ނަސްލަށް ނިސްބަތްވާ ގިނަ މީހުންނަކީ ހިންދޫންނެވެ.

ޒާކިރު ނައިކް މެލޭޝިއާ އިން ޑިޕޯޓްކޮށްލުމާ ގުޅޭ ގޮތުން ކެބިނެޓުގައި ބައެއް މިނިސްޓަރުން ވަނީ މަޝްވަރާކޮށްފަ އެވެ.

ހޯމް މިނިސްޓަރު މުހްޔިއްދީން ޔާސިން ވިދާޅުވީ ޗައިނީޒް އަދި ހިންދޫ ދަރިކޮޅުގެ މީހުންނާ ގުޅޭ ގޮތުން ޒާކިރް ނައިކް ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން އޭނާއާ ފުލުހުން ސުވާލު ކުރާނެ ކަމަށެވެ. މެލޭޝިއާ ފުލުހުން ބުނީ ޒާކިރް ނައިކުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އޭނާއާ ގުޅޭ ގޮތުން 115 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މުހްޔިއްދީން ވިދާޅުވީ ގައުމުގެ ހަމަޖެހުން ގެއްލޭފަދަ ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ގާނޫނު ތަންފީޒް ކުރާ އެޖެންސީތަކުން ފަސް ނުޖެހޭނެ ކަމަށެވެ.

މެލޭޝިއާގައި ހުކުރު ދުވަހު ފެށި ތިން ދުވަހުގެ ކޮންފަރެންސްގައި ޒާކިރް ނައިކް ތަގްރީރު ނުކުރަން ފުލުހުން ވަނީ އޭނާ އަށް އަންގައިފަ އެވެ.

ޒާކިރު ނައިކް ވަނީ އޭނާ އަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މެލޭޝިއާ ސަރުކާރުން އިސްލާމުންނާއި ހިންދޫންނާ މެދު ކަންތައްކުރާ ގޮތާ މެދު އޭނާ ކުރެއްވި ތައުރީފުގެ ބަސްތައް އޮޅުވާލައި ނުބައި މާނައެއް ނަގާފައިވާ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ސިޔާސީ ކަމެއްވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޒާކިރް ނައިކް އަށް ޕާމަނެންޓް ރެސިޑެންސީ ދީފައި ވަނީ މެލޭޝިއާގެ ކުރީގެ ސަރުކާރުންނެވެ. މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޒާކިރް ނައިކް އިންޑިއާ ދޫކުރައްވާ ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ބުނެ ޒާކިރުގެ ނައިކުގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން އިންޑިއާ އިން މަނާކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.